25 Mar 2013, 09:45
ޔަންގޫން (މާޗް 25): މިޔަންމާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބުޑިސްޓުން ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ހިންގި އަނިޔާވެރި ޢަމަލުތަކުގައި 20 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެ މުސްލިމުން ދިރިއުޅޭ އެތައް އަވަށެއް އަންދާލުމުގެ ސަބަބުން އެތައް ހާސް މުސްލިމުން މަގުމަތިވެފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިޔަންމާގެ މެދުތެރޭގެ މިކްތިލާ ސިޓީއާއި އެސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގި މިޖަރީމާތަކުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ ބުޑިސްޓް ޒުވާނުންނާއި ހަރުކަށި ހާމުދުރުން ކަމަށް މިޔަންމާ ސަރުކާރުން ބުނެފައިވެ އެވެ. މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ހުއްޓިފައި ވަނީ ހަމަނުޖެހުންތައް ހިނގި މިކްލިތާގެ ސަރަޙައްދުތައް ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމުން ކަމަށާ މުސްލިމުން މިހާރު އެމީހުންގެ ހަލާކުވެފައިވާ އަވަށްތަކަށް އެނބުރި ދާން ފަށާފައިވާ ކަމަށް މިޔަންމާ ސަރުކާރު ބުނެ އެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ މިކްތިލާގެ ހަތަރު ސަރަހައްދެއް އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް ހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި އެ ސަރަޙައްދުތަކުގައި ކުއްލި ޙާލަތު ވެސް އިޢްލާންކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިޔަންމާގެ ބުޑިސްޓް ޒުވާނުންނާއި ހައްދުފަހަނަޅާފައިވާ ހާމުދުރުން އެ ރަށުގެ މުސްލިމުންނަށް ޙަމަލާދީފައި ވަނީ ލަޓިބުރިންނާއި ކަނޑިއާއި ވަޅިންނެވެ. މީގެއިތުރުން މުސްލިމުންގެ ގެދޮރުގައި ހުޅުޖަހާފައި ވަނީ ބައެއްގެތަކުގައި ޢާއިލާތައް ދިރިއުޅެމުން ދަނިކޮށް ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެ އެވެ.
މިއީ 2012 ވަނަ އަހަރުމިޔަންމާގެ ރެކިން ސްޓޭޓްގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބުޑިސްޓުން ހިންގި ފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލުތަކަށް ފަހު މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވި އެބާވަތުގެ ލާއިންސާނީ އަނިޔާތަކެއް ކަމަށް މުސްލިމުން ސިފަކުރެ އެވެ. ރެކިން ސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް 2012 ވަނަ އަހަރު ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކުގައި މުސްލިމުންގެ 180 އަށްވުރެ ގިނަމީހުން މަރާލައި މުސްލިމުންގެ އެތަށް އަވަށެއް އަންދާލައި އެތަށް ހާސް މުސްލިމުން އެމީހުންގެ ވަޒަނުން ބޭރުކޮށްލާފައިވެ އެވެ.
ވަޒަނުން ބޭރުކޮށްލާފައިވާ މުސްލިމުންގެ ގިނަ ބަޔަކު ވަރަށް ދަތިހާލުގައި ދިރިއުޅެމުން ގެންދަނީ އަވަށްޓެރި ބަންގްލަދޭޝްގަ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ އެކިގައުމުތަކަށް ޙިމާޔަތް ހޯދުމަށް ކަނޑުގެ މަގުން ކުރި ދަތުރުތަކުގައި ޣަރަޤުވެގެން މަރުވެފަ އެވެ. (ނޫސްއެޖެންސީތައް)