25 Mar 2013, 09:35
ސުޕްރީމް ކޯޓުގެ ފަނޑިޔަރުންގެ ބެންޗު ބަދަލު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ފަސްް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް އިއްޔެ ހަވީރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމިއޮތްހާ ހިނދަކު ސުޕްރީމް ކޯޓުގެ ބެންޗު ދެމި އޮންނާނެ ކަމަށާއި އެ ބެންޗަކީ ބަދަލު ކުރެވޭނެ ބެެންޗެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެނެވެން އޮތް ހަމައެކަނި ގޮތަކީ އެ ބެންޗުން ފަނޑިޔާރަކު ހުސްވެއްޖެ ނަމަ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"އިރާދަކުރެއްވީތީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމިއޮތްހާ ހިނދަކު ސުޕްރީމް ކޯޓުގެ ބެންޗު ދެމި އޮންނާނެ. ބެންޗަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އެކަން ކުރެވޭނީ މަގާމެއް ހުސްވެއްޖެއްޔާ އެ މަގާމަށް މީހަކު އައްޔަން ކުރެވިދާނެ. ބެންޗެއް ބަދަލެއް ނުކުރެވޭނެ،" ފާއިޒް ވިދާޅުވި އެވެ.
ބާރުގަދަ މުއައްސަސާއަކުން ބުނެފާނެ އެއްޗަކަށް ޖެހިލުންވެ ވަޑައިނުގަތުމަށާއި ކިތަންމެ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށް ވިޔަސް ޖަޒުބާތުގައި ޖެހިވަޑައިނުގެން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ ފަނޑިޔާރުންނަށް ގޮވާލައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނަމުންގެންދާ ދަނޑިވަޅެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު އުވާލުމަށް ގޮވާލައި އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު ހިނގާލުމެއް ވެސް ބާއްވާއިފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗާ މެދު އެމްޑީޕީން ހިތްހަމަނުޖެހުން ފާޅު ކުރަނީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނާގާ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ނިންމި ނިންމުން ބާތިލުކޮށްފައި ވާތީ އާއި އަދި މަޖިލީހުން ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގެއް ނިގުޅައި ގަނެވިއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ. އަދި އެކަމުގައި އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެއީ ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބެލޭނެ ކަމަށާއި އެކަމަކީ ހުއްޓުން އަންނާނެ ކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން ކޯޓުން ބޭރުގައި އެކަމެއް ހައްލު ކުރެވިދާނެ ކަމަށާއި ނަމަވެސް ކޯޓާ ހަމައަށް މައްސަލައެއް އައިސްފި ނަމަ ކޯޓުން އެ މައްސަލަ ބަލާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.