ދަވްޙާ (މާޗް 25): ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަހްމަދު މުޢާޛުލްޚަތީބު މަޤާމުން އިސްތިއުފާދެއްވައިފި އެވެ.
މަޤާމުން އިސްތިއުފާދެއްވުމަށް ފަހު އަލްޖަޒީރާ އަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބުވުން ކަމުގަ އެވެ. ސޫރިޔާގެ ރައްޔިތުންނަށް ބައްޝާރުގެ ވެރިކަމުގެ ނިޒާމުން ކުރިމަތިވެފައިވާ އަނިޔާތަކާއި ލާއިންސާނީ ޢަމަލުތަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢު އަޅާނުލާ ކަމަށާއި ސޫރިޔާގެ ރައްޔިތުންނަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްގުވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ދިނުމަށް ބައިނަލްއަގްވާމީ މުޖްތަމަޢު ފަސްޖެހޭ މައްސަލަ ވެސް މުޢާޛުލްޚަތީބު ކުށްވެރިކުރެއްވި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަލްޚަތީބު އިސްތިއުފާދެއްވީ ސޫރިޔާގެ އިދިކޮޅު ކޯލިޝަނުން އެކުލަވާލި އިންތިޤާލީ ސަރުކާރުގެ ވެރިޔާ ޣައްސާން ހޫތީ އާ މައްސަލަތަކެއް ޖެހިގެންނެވެ. ނަމަވެސް އަލްޚަތީބު މިކަން ދޮގުކުރެއްވި އެވެ. ޣައްސާން ހޫތީ އާއި އޭނާ އާ ދެމެދު އެއްވެސް ޚިލާފްތަކެއް ނެތް ކަމަށް އަލްޚަތީބު ވިދާޅުވި އެވެ.

ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަހްމަދު މުޢާޛުލްޚަތީބު އިންތިޚާބުކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އަލްޚަތީބު އިސްތިއުފާ ދެއްވުމުން ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ޙަރަކާތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)