ޕޯސްޓް އޮފީހުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ހުޅުވާދެއްވައިފި އެވެ.


ހަތް ބުރީގެ އިމާރާތް ހުޅުވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މުދަލާއި ފަސިންޖަރުން ފަސޭހަ ކަމާ އެކު އެއްތަނުން އަނެއް ތަނަށް ބަދަލުނުކުރެވޭ ނަމަ ތަރައްގީ ހާސިލު ނުކުރޭބެ ކަމަށެވެ.


"އަޅުގަނޑަށް ފެންނަ ގޮތުގައި މުދަލާއި ފަސިންޖަރުން ފަސޭހައިން އެއްތަނުން އަނެއްތަނަށް ބަދަލު ނުވެވޭ ނަމަ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މި އެދޭ ތަރައްގީއެއް ނުލިބޭނެ،" ރައީސް ވިދާޅުވި އެވެ.


ޕޯސްޓުގެ ހިދުމަތަކީ ރާއްޖޭގައި ޤާއިމް ކުރެވުނު އެންމެ ޒަމާންވީ އެއް ހިދުމަތް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައި ވިދާޅުވީ، ނަވާރަ ސަތޭކައިގެ ކުރީގެ އަހަރުތައް ފެށުނު އިރު ރާއްޖޭގައި ޕޯސްޓުގެ ޒަރިއްޔާ އިން އެއް ތަނުން އަނެއްތަނަށް ތަކެތި ފޮނުވާން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔެ އަށް ޕޯސްޓް ތައާރަފް ކުރެވުނުތާ މާގިނަ ދުވަހެއް ނުވަނީސް ރާއްޖޭގައި ވެސް އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.


ޕޯސްޓް އޮފީސް ހުޅުވައި ދެއްވުމަށް ފަހު މ. އަތޮޅު ރަތްމަންދޫ ކިޔަވާ ކުއްޖަކަށް ޕޯސްޓުން ރައީސް ފޮތެއް ފުނުއްވި އެވެ. އަދި ވިދާޅުވީ ރަތްމަންދު އަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ކުޑަރަށް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޕޯސްޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ.


މިއަދުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމްލޭޝް ޝަރުމާ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް މީހުންގެ ސަމާލުކަށް ގެނައުމަށް ޕޯސްޓް އޮފީހުން ތައްޔާރު ކޮށްފައިވާ ސްޓޭމްޕް ސެޓެއް ވެސް ނެރެދެއްވި އެވެ.


އެ ސްޓޭމް ސެޓް ނެރެދެއްވުމަށް ފަހު ޝަރުމާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެ އާއި ކޮމަންވެލްތަކީ ޒަމާންވީ ގާތް ގުޅުން އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން އިތުރަށް ބަދަހި ވާނެކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ވަރަށް ވެސް މުހިންމު ރޯލެއް އަދާކުރާ ޤައުމެއްކަން ވެސް ޝަރުމާ ފާހަގަކުރެއްވި އެވެ.