ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ހުއްޓާލުމަށް ފަހު ވެސް މަޖިލީހަށް ހުށަހެޅިފައިވާ ޖިނާއީ އަދުލުގެ ނިޒާމާ ގުޅުން ހުރި ބިލްތައް ވީހާވެސް އަވަހަކަށް ފާސްކޮދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގަތީ ފަސް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ވެސް ތިބޭފުޅުންގެ މެދުގައި ހުރި ހުރިހާ އަދި އެހެނިހެން މަސައްކަތްތައް ހުއްޓައިލައިފައި ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމަށް ޚާއްސަކޮށް ޖިނާއީ އަދުލު ނިޒާމަށް އެންމެ މުހިންމު ވާ، އަދި މިހާރު އެ މަޖިލީހުގެ ފްލޯގައި ހުރި ބައެއް ގާނޫނުތައް އަވަސްކޮށްދެއްވުމަށް،" ފާއިޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ކަން ބޮޑު ވާ ބޮޑެތި މައްސަލަތަކަކީ އެ ކަންކަމާ މެދު ފަނޑިޔާރުން ވެސް ކަންބޮޑު ވާ ކަންތައްތަކެއް ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށް ވާހަކަ ދެކެވޭ އިރު ޝަރުއީ ނިޒާމަށް ބޭނުން ވާ މުހިންމު ގާނޫނުތައް ފާސް ކުރާން ޖެހޭ ކަމަށާއި އެހެން ނޫނީ އަބަދުވެސް ދައްކާން ޖެހޭނީ ޝަރުއީ ނިޒާމު ފުރިހަމަ ވެފައި ނުވާ ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ގާނޫނުތައް ލިބިގެން ނޫނީ ޖުޑީޝަރީ [ހަރުދަނާ ނުވާނެ] އެންމެ ފުރިހަމަ ޖުޑީޝަރީއެއް ނޫނޭ އަޅުގަނޑުމެންނަށް ޖެހޭނީ އަދިވެސް ވާހަކަ ދައްކާން. މި ވާހަކަތަކަށް ނިމުމެއް ގެނެވޭނީ މި ދެންނެވި ގާނޫނުތަކުގެ އަލީގައި އަޅުގަނޑުމެން މަސައްކަތް ކުރުމުން،" ފާއިޒް ވިދާޅުވި އެވެ.

ކޯޓުތަކަށް މިވަގުތަށް ބޭނުންވާ އެންމެ މުހިންމު ގާނޫނުތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލް އުގޫބާތާއި ހެތްކާ ބެހޭ ގާނޫނުގެ އިތުރުން ހެކީންނަށް ރައްކާތެރިކަން ލިބިދެވޭނެ ގާނޫނު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.