ކުރީގެ ރައީސްގެ މުޙައްމަދުގެ ނަޝީދުގެ މައްޗަށް އުފުލައިފައި ވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގާ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ހުޅުމާލޭ ކޯޓުގެ ބެންޗު އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

އެމްޑީޕީގެ ފަސް މެންބަރުން ހާޒިރު ވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ ގޮތަށް ފާސް ކުރީ ވޯޓުގައި ބައިވެރި ވި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. މުގައްރިރަކަށް އިންނެވި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރަކަށް ވޯޓުގައި ބައިވެރިއެއް ނުވެވެއެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ 11 މެންބަރުންގެ ކޮމެޓީއަށް ހާޒިރުވެ، ވޯޓުގައި ބައިވެރި ވި ހަތަރު މެންބަރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމަށް އަމަލު ކުރާން ޖެހޭނެ ކަމަށް މިރޭ ކޮމެޓީއަށް ހާޒިރު ވި އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވިއެވ.ެ

ކޮމެޓީން ފާސް ކުރި ނިންމުމުގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓުގެ ބެންޗަށް ތިން ފަނޑިޔާރަކު އައްޔަން ކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވައިލައިފައި އޮތުމުން ތިން ފަނޑިޔާރުންގެ ބެންޗު އުވައިލުމަށް ޖޭއެސްސީއަށް އެންގުމަށް ވެސް ކޮމެޓީން ނިންމެވި ނިންމެވުމުގައި ބުނެއެވެ.

ކޮމެޓީގެ ނިންމުމުގައި އިތުރަށް ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ޖުޑީޝަލް ދާއިރާ އިދާރީ ގޮތުން ހިންގުމާއި އިންތިޒާމް ކުރުމުގެ އެންމެ އިސް ފަރާތަކީ އެ އިދާރާއެއްގެ އެންމެ އިސް މެޖިސްޓްރޭޓް ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ޖުޑީޝަލް ދާއިރާތައް އިދާރީ ގޮތުން ހިންގައި އިންތިޒާމް ކުރުމުގެ އެންމެ އިސް ފަރާތަކީ އެ ދާއިރާއެއްގެ އެންމެ އިސް މެޖިސްޓްރޭޓް ކަމަށް ވާތީ އެ ދާއިރާއެއްގައި ހިމެނޭ ކޯޓްތަކުގެ ތެރެއިން ކޯޓެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަ އެ ކަން ކުރާން ޖެހޭނީ ޖޭއެސްސީން ނޫން ކަމަށާއި އެކަން ކުރާން ޖެހޭނީ އެ ދާއިރާއެއްގެ އެންމެ އިސް މެޖިސްޓްރޭޓް ކަމަށް ކޮމެޓީން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވައިފައި ވަނީ އެ ކޯޓު ހިމެނޭ ދާއިރާގެ މެޖިސްޓްރޭޓުން ހިމަނައިގެން ނޫން ކަމަށް ވެސް ކޮމެޓީގެ މިރޭގެ ނިންމުމުގައި ބުނެފައިވެއެވެ.

ކޮމެޓީން މިރޭ ނިންމި ނިންމުމުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ އެއް ވެސް ޝަރުއީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެއްވެސް މެޖިސްޓްރޭޓް ކޯޓަކަށް ބެންޗެއް ކަނޑައަޅައިގެން އެއްވެސް ޝަރީއަތެއް ނުކުރެވޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެ ގޮތުން ބެންޗެއް ނުވަތަ ޕެނަލެއް ހެދޭނީ ހަމައެކަނި ސްޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ދަށު ކޯޓުތަކުގެ ތެރެއިން ސްޕީރިޔާ ކޯޓުތަކަށް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައި ވާ ކަމަށެވެ. އަދި ހުޅުމާލޭ ކޯޓުގެ ބެންޗް އެކުލަވައިލައިފައި ވަނީ ޖުޑިޝަލް ސާވިސް ކައުންސިލްގެ ލަފާގެ މަތިން ނޫން ކަމަށް ވެސް ކޮމެޓީން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެޓީން މިރޭ އިތުރަށް ފާސް ކޮށްފައި ވާ ކަންތައް ތަކުގެ ތެރޭގައި ހުޅުމާލޭ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް އާއި ކ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކ ހުރާ ކޯޓްގެ ކުރީގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސަމީރު އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސް ކޮށްފަ އެވެ. އެގޮތުން އެ ދެ ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސް ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު 2.30 އަށެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ހަތަރު މެންބަރެކެވެ. ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ މާޗް 11، 2007 ގައި ރައީސް އޮފީހުގެ ސިޓީއަކުން ހުޅުމާލޭގައި އުފެއްދި މާލޭ ކޯޓްތަކުގެ ގޮފި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކުން މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކޮށް، އެ ކޯޓަށް ހުށަހެޅި ވަކި މައްސަލައެއް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ކޯޓްތަކުގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ.

މައްސަލަ ތަފްސީލުކޮށްދެއްވަމުން ސަމީރު ވިދާޅުވީ ހުޅުމާލޭ ކޯޓަށް ދާއިމީކޮށް ޖޭއެސްސީން އައްޔަން ކުރި ދެ ފަނޑިޔާރުން ކަމަށްވާ ޝިޔާމާ މުހައްމަދު އަމްޖަދު އަބްދުލް ޣަނީ ކިޔަވައި، ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން އެ ކޯޓްގެ ހިންގެވުމުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ވަނީ ކ. އަތޮޅު ދާއިރާގެ ހުރާ ކޯޓްގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމަށް ކަމަށެވެ. އަދި ވިދާޅުވީ މޫސާ ނަސީމާ ހަވާލު ކުރި ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ޓަކައި ތިން ފަނޑިޔާރުންގެ ބެންޗެއް ޖޭއެސްސީން ކަނޑައެޅީ ކޯޓުތަކުގެ ގާނޫނުގެ 68 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަމްބަރުގެ ހިލާފަށް ކަމަށެވެ.