ދިރާގު ދިވެހިލީގުގައި މިއަދު ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިޔާ ބައްދަލު ކުރިމެޗު ފަހެއް ސުމެއްގެ ބޮޑު ތަފާތަކުން ވެލެންސިޔާ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ނިއުރޭޑިއެންޓު ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ނިއުގެ ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ދެލަނޑު ކާމިޔާބުކޮށްދީފައި ވާއިރު ޒުވާން މިޑްފީލްޑަރު ޢަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ. ނިއުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސްވިއަހަރުގެ ޓޮޕް ސްކޯރާ މުހައްމަދު އުމައިރު އެވެ. އަދި މިއަދުގެ މެޗުގައި ދިހަ ރީނދޫ ކާޑާއި ތިން ރަތްކާޑުފެނިގެން ގޮސްފައި ވެއެވެ.

ފުރަތަމަ ކޮޅުގައި ދާދި ހަމަހަމަ ކުޅުމެއްފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަސްވަނަ މިނިޓުގައި ޢަލީ އުމަރު ތަނަވަސްކޮށްދިން ފުރުސަތަކުން ދަގަނޑޭ އެވެ. އަދި ނިއުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 19 ވަނަ މިނިޓުގައި ވެލެންސިޔާގެ ޕެނަލްޓީ އޭރިޔާބޭރުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން އުމައިރު އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ ތިންވަނަ ލަނޑު އެ ކުލަބަށް ކާމިޔާބުކޮށްދިނީ މެޗުގެ 32 ވަނަ މިނިޓުގައި ދަގަނޑޭ އެވެ.

ތިނެއް ސުމެއްގެ ނަތީޖާއާ އެކު ދެވަނަ ހާފު ފެށި ވެލެންސިޔާއިން އިތުރު ހިތްވަރަކާއެކު ދެވަނަ ހާފުގެ ކުޅުން ފެށި ނަމަވެސް އެޓީމަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ބަލްގޭރިޔާ ޑިފެންޑަރު ޒިފްކޯ ޓޮޑޮރޯފް ޑިނޭފް އަށް މެޗުގެ 47 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ރަތްކާޑު ދައްކާ ފޮނުވާލުމުން ނެވެ. އެހެން ނަމަވެސް ދިހަ މީހުންނާއެކު އެޓޭކިން ގޭމެއް ކުޅެމުންދިޔަ ބޮއިކޯ ކަމެނޯފުގެ ޓީމުންގެ ބަލްގޭރިޔަން ސްޓރައިކާރު ރޫމެން ޖޯޖީފް އެލެކްސެންޑްރޯއަށް ލިބުނު ރަނުގެ ފުރުސަތެއް ބޭނުން ނުކުރެވި ވަނީ ބޭކާރު ވެފައެވެ.

ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 72 ދެވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. ވެލެންސީޔާ ހާފްގެ މެދެއްހާ ހިސާބުގައި ހުރެ ޔާމީން ވެލެންސިޔާގެ އޭރިޔާތެރެއަށް ވައްޓާލަދިން ރީތި ބޯޅަ އެހާމެ ރީތިކޮށް ސެންޓޭވަނީ ވެލެންސިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. މެޗުގެ 74 ވަނަ މިނިޓުގައި ވެލެންސިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަކްރަމް އަބްދުލް ޣަނީއަށް ނިއުގެ ޕެނަލްޓީއޭރިޔާ ބޭރުން އެޓީމުގެ ނައިޖީރިއާ ޑިފެންޑަރު ކިންގްލީ ކުރި ފައުލަކާގުޅިގެން ގުޅިގެން ރެފްރީވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ކިންގްސްލީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި އޭގެ ހަ މިނިޓުފަހުން ނިއުގެ ސެންޓޭއަށް ވެލެންސިޔާގެ ތަޖުރިބާކާރު ވިންގާ މުހުތާރު ނަސީރު (ޓޫކިލޯ) ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫކާޑަކާ އެކު ޓޫކިލޯއަށްވެސް ރެފްރީ އަމީޒު ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި އުމައިރު ތަނަވަސްކޮށްދިން ފުރުސަތަކުން ނިއުރޭޑިއެންޓަށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. ސެންޓޭ ލަނޑުޖެހިފަހުން ވެލެންސިޔާއަށްވެސް ލަނޑެއް ކާމިޔާބުކުރާނޭ ފުރުސަތެއްލިބި ވަނީ ގެއްލުވާލާފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުއަށް ދެލަނޑު ކާމިޔާބުކޮށްދީ އަދި މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ކުޅުމެއްދެއްކި ސެންޓޭ އެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ މިއަދުގެ މޮޅަކީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި އަދި ޓީމުގެ ކުޅުމާއި ކުޅުންތެރިންގެ ހިތްވަރަށް ސާބަސްދޭ ކަމަށެވެ. އަދި ހާއްސަކޮށް ފުރަތަމަ ހާފުގައި ޓީމުގެ ކުޅުންތެރިން ކޯޗު ބޭނުންވި ހުރިހާ ކަމެއް ކޮށްދިން ކަމަށް އޭނާ ފާހަގަ ކުރިއެވެ. ވެލެންސިޔާގެ ކުޅުމާއި ދޭތެރޭ ނިއުގެ ކޯޗު ބުނީ ވެލެންސިޔާއިން މިއަދު ދެއްކި ކުޅުމަކީ ސާބަސްދޭވަރު ރީތި ކުޅުމެއް ކަމަށެވެ. އަދި މިއަދުގެ މެޗުގައި ފެނިގެންދިޔަ ކާޑު ތަކަކީ މިފަދަ މެޗެއްގައި ފެނިގެން ދާންޖެހޭވަރުގެ ކާޑުތަކެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށް ޕޮޕޯފް ބުންޏެވެ.

މިއަދުގެ މެޗާ ބެހޭގޮތުން ވެލެންސިޔާގެ ކޯޗު، ބޮއިކޯ ކަމެނޯފް ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ އެއްވެސް ގޮތަކަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ޓީމުގެ ކުޅުން އޭނާ ހިތްހަމަ ޖެހޭވަރަށް ރަނގަޅުކުރި ކަމަށާއި މިފަދަ ވާދަވެރި މެޗެއްގެ ފުރަތަމަ ހާފުގައި ތިންލަނޑުގެ ތަފާތަކުން ބަލިވެފަ އޮތުމާއި ނިއުރޭޑިއެންޓް ފަދަ ވަރުގަދަ ޓީމަކާ ކުރިމަތިލާން ޖެހުނުއިރު ކުޅުންތެރިންނަށް އެވަރަށް ތައްޔާރުވެވިފައި ނެތުމަކީ އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހުނު އެއް ސަބަބު ކަމަށެވެ.

ދިވެހި ލީގުގައި މިހާތަނަށް ކޮންމެ ޓީމަކަށް ތިން މެޗު ކުޅެވުނު އިރު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓާއި ފައިދާ 15 ގޯލާއެކު އޮތީ ނިއުރޭޑިއެންޓް އެވެ. އަދި ނުވަ ޕޮއިންޓާއި ފައިދާ އަށް ގޯލާއެކު ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނަގައި ވެލެންސިޔާ އޮތްއިރު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތީ އީގަލްސްއެވެ. އަދި ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތީ ބީޖީ އެވެ. ގޯލްގެ ތަފާތުން އެއްމެ ޕޮއިންޓަކާއެކު އޭވައި އެލްއަށް ތާވަލުގެ ހަވަނަ ލިބޭއިރު އެއްޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ވިކްޓަރީ އެވެ. އަދި އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ.

ދިރާގު ދިވެހި ލީގުގައި ދެން މެޗެއްކުޅޭނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު 4:00ގައި ގަލޮޅު ދަޑުގައި ފަށާ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.