24 Mar 2013, 18:44
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަލުން ވަޒީފާއަށް ނިކުންނެވީ ރައީސް އޮފީހުން އަންގަވައިގެން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސީއެސްސީގެ މީޑިއާ ކޯޑިނޭޓަރު އަލީ ނިޒާރު ވިދާޅުވީ ފަހުމީ ވަޒީފާ އަށް ނުކުމެވަޑައިގަތީ ފުރިހަމަ ކުރަން ޖެހޭ ހުރިހައި ކަންތައްތަކެއް ފުރިހަ ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން އޭނާ އޮފީހަށް ނިކުމެވަޑައިގެންނެވީ 17 މާޗްގައި ފަހުމީ ވަޒީފާ އަށް ނުކުންނެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ސިޓީއެއް ލިބިވަޑައި ގަތުމުން ކަމަށެވެ.
"ފަހުމީ ވަޒީފާ އަށް ނުކުމެވަޑައިގަތީ ފުރިހަކުރައްވަން ޖެހޭ ހުރިހައި ޕްރޮސީޖާރުތަކެއް ފުރިހަ ކުރެއްވުމަށް ފަހު. އެގޮތުން ރައީސް އޮފީހުން ވަނީ 17 މާޗް 2013 ވަނަ ދުވަހު ފަހުމީ ވަޒީފާ އަށް ނުކުތުމާ ގުޅޭ ގޮތުން ސިޓީއެއް ފޮނުއްވާފައި. އެ ސިޓީ ލިބިވަޑައިގަތުމުން ފަހުމީ ވަޒީފާ އަަށް ނުކުންނެވީ." އަލީ ނިޒާރު ވިދާޅުވި އެވެ.
ފަހުމީގެ ވަޒީފާއި ގުޅޭ ގޮތުން ރައީސް އޮފީހުން ސީއެސްސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަން އެ އޮފީހުން މިއަދު ވަނީ ސަންއަށް ކަށަވަރު ކޮށްދީފަ އެވެ. އެހެން ނަމަވެސް އެ ސިޓީގައި ބުނެފައިވާ އެއްޗެއް ސީއެސްސީން ވެސް އަދި ރައީސް އޮފީހުން ވެސް ހާމަ ކޮށްފައެއް ނުވެ އެވެ.
ފަހުމީ ވަޒީފާ އަށް ނިކުތުން ބަންޑާރަ ނައިބުގެ އޮފީހުން ހުއްޓުވުމަށް އެދި ސީއެސްސީ އަށް ސިޓީއެއް ފޮނުވައިފާވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވީ ބަންޑާރަނައިބްގެ އޮފީހުން ފަހުމީގެ ވަޒީފާއާ ގުޅޭ ގޮތުން މިހާ ތަނަށް އެއްވެސް ސިޓީއެއް ލިބިފައި ނުވާ ކަމަށާއި އަދި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވެސް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
"އޭޖީ ގެ ފަރާތުން އަޅުގަނޑުމެންނަށް އެއްވެސް ސިޓީއެއް މިހާތަނަށް ލިބިފައެއް ނުވޭ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީގެ ވަޒީފާއަށް ނުކުންނެވުމާ ގުޅޭ ގޮތުން ވެސް އެއްވެސް އަންގާފައެއް ނުވޭ. ފަހުމީގެ ވަޒީފާއާ ގުޅޭ ގޮތުން އޭޖީ އޮފީހުން އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ނައަންގަވާ." ނިޒާރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފަހުމީ ސީއެސްސީން ވަކިކުރި ކުރުން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ފަހުމީ ވަނީ ވަޒީފާއަށް ނުކުންނަވާފައެވެ. އަދި ފަހުމީގެ ވަޒީފާއާ ގުޅޭ ގޮތުން ބަންޑާރަނައިބުގެ ލަފާފުޅެއް ސީއެސްސީއަށް ދީފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ހަބަރު ފެތުރިފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާ ތަނަށް އޭޖީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ފަހުމީ ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނަނީ ފަހުމީ މަގާމުން ވަކި ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. އަދި ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.