މާލޭގެ ގެއަކުން ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހޯދަމުން ގެންދިޔައީ ގދ.ތިނަދޫ ސަކީނާމަންޒިލް، ފާތިމަތު ނުހާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާފަންނުގައި ހުންނަ ނަލަހިޔާ ހޮޓެލް ކައިރިން މަޖީދީ މަގުން ހިނގާފައިދަނިކޮށް، ކަމަށާއި އެކުއްޖާ މިހާރު ވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެކުއްޖާ ފެނުނު އިރު އެނާ ހުރީ އެކަނި ކަމެއް ނުވަތަ އެއްވެސް މީހަކާ އެކުގައި ކަމެއް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ނުހާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.