24 Mar 2013, 16:33
ބޭހަށް ނުގުޑާ ޓީބީ ޖެހިފައިވާ މީހުން ރާއްޖޭން ވެސް ފެންނަން ފަށާފައިވާ ކަމަށާއި އެކަމަކީ ޓީބީ ކޮންޓްރޯލު ކުރުމަށް އަލަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދުނިޔޭގައި މިއަދު ފާހަގަ ކުރާ ޓީބީ ދުވަހާ ގުޅުވައިގެން ނެރެފައިވާ ޓީބީ ދުވަހުގެ ރިޕޯޓުގައި ހެލްތުން ބުނެފައިވަނީ ފަހުގެ އަހަރުތަކުގައި ބޭހަށް ނުގުޑާ ޓީބީ ޖެހިފައިވާ މީހުން ރާއްޖޭގައި ވެސް ފެންނަން ފަށައިފައިވާތީ މިއީ ޓީބީ ބަލި ކޮންޓްރޯލު ކުރުމަށް އަލަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކެއްކަމަށާއި އޭގެ ފަހުން ޓީބީގެ ޖަރާސީމަށް ދިވެހިން ހުށަހޮޅިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތަށް މެދުވެރިވާންޖެހެނީ ޓީބީ ބައްޔަށް ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދެއްވާ ސީދާބެލުމުގެ ދަށުން ދެވޭ ފަރުވާ ފުރިހަމަ ނުކޮށް މެދުކެނޑުމުގެ ސަބަބުންނާއި އެފަދަ ބަލިތަކުގެ އަސަރު ހުރިތޯ ބެލުމަށްދޭ އަހަމިއްޔަތު ކުޑަވުމުން ކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ.
ހެލްތުން ބުނެފައިވަނީ 1963 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި 10،563 މީހަކު ޓީބީއަށް ފަރުވާ ކުރުމަށްޓަކައި ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 5256 މީހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ފެނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުން ކަމަށެވެ.
މިއަހަރުގެ ޓީބީ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޑަބްލިޔު އެޗްއޯއިން ކަނޑައަޅާފައިވަނީ "ސްޓޮޕް ޓީބީ އިން މައި ލައިފް ޓައިމް" އެވެ. އަދި މިއަހަރު ރާއްޖޭގައި ޓީބީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް އަމާޒުކޮށްފަިއވަނީ "ގަވާއިދުން ފަރުވާ ކުރެވިއްޖެނަމަ ޓީބީ އަކީ މުޅިން ފަސޭހަ ކުރެވޭ ބައްޔެއް އަދި ކޮންމެ ގައުމަކުން ވެސް ޓީބީއަށް ދެނީ އެއް ބޭހެއް އެއް ފަރުވާ" އެކެވެ.