ޑީއާރުޕީގެ ދީނީ ގޮފީގެ ކައުންސިލްގެ ރައީސް ކަމަށް ޑރ. މުހައްމަދު ގުބާދު އަބޫބަކުރު އަދި ނައިބް ރައީސް ކަމަށް އަލްއުސްތާޒު މޫސާ ނިޒާރު އިންތިހާބު ކޮށްފިއެވެ.

ޑީއާރުޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެޕާޓީގެ ދީނީ ގޮފީގެ ކައުންސިލް އިންތިހާބް ކުރުން އޮތީ އިއްޔެ އެޕާޓީ އޮފީހުގައި ބޭއްވި އެ ގޮފީގެ ޖަލްސާއެއްގައި ކަމަށެވެ. އެ ކައުންސިލަށް މެމްބަރުން އިންތިހާބް ކޮށްފައިވަނީ އެޖަލްސާއަށް ވަޑައިގެން އެ ގޮފީގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ދީނީ ގޮފީގެ ރައީސް އަކީ މަގާމުގެ ހައިސިއްޔަތުން ޑީއާރުޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެކެވެ.

އެ ގޮފީގެ ރައީސާއި ނައިބް ރައީސްގެ އިތުރުން ދެން އެ ގޮފީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ސެކްރެޓަރީ ޖެނެރަލް އައްޝައިހު ހުސައިން އަބްދުލް ވާހިދާއި ހަޒާންދާރު އަބުދުﷲ ޒުބައިރެވެ. އަދި މެމްބަރުންގެ ގޮތުގައި ދީނީ ގޮފީގެ ކައުންސިލްގައި ތިއްބަވަނީ އަލްއުސްތާޒު އަބުދުއް ރައޫފު އާއި އައްޝައިހު އަހުމަދު ފަހްމީ ދީދީ އާއި އަލްއުސްތާޒު ހަސަން ސައީދު އާއި އަލްއުސްތާޒު އަބުދުއްލަތީފު އަލީގެ އިތުރުން އައްޝައިހު ހަސަން ތައުފީގު އަބްދުއްރަޙުމާން އެވެ.

ޑީއާރުޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލްވުމެއްގައި އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަނީ ދީނީ ގޮފީގެ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް ހިމާޔަތް ކުރުމާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް ޑީއާރުޕީން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ދީނީ ގޮފިން މަސައްކަތް ކޮށްދެއްވުމަށް ތަސްމީން ވަނީ އެދިވަޑައިގެންފަ އެވެ.