އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 14 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ ހދ. މާވައިދޫ ބޮލިޖެހިގޭ އަފްރަހު ހުސައިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަފްރަހު 14 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:20 ހާއިރު ހުޅުމާލޭގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

މީގެއިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލައިފައެވެ.

އޭނާ 14 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.