ލަންކާގެ ގައުމީ އެއާލައިނެއް ކަމަށްވާ، މިހިން ލަންކާގެ ދަތުރުތައް ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ރާއްޖެ އަށް ފަށާ ގޮތަށް އެ އެއާލައިނުން ހަމަޖައްސައިފި އެވެ.


ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ، މިހިން ލަންކާ އަށް ލައިސެންސް ދޫކޮށްފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗް 26 ވަނަ ދުވަހުގެ ނިޔަލަށް ކޮލޮމްބޯ/މާލެ މަގުން ހަފުތާ އަކު ހަތަރު ފުލައިޓު ބާއްވާ ގޮތަށް ކަމަށެވެ. އެއާލައިންގެ ދަތުރުތައް އޮންނާނީ އާދީއްތަ އާއި އަންގާރަ އާއި ހޮނިހިރާއި އަދި ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.


ކުވެއިތު، ދުބާއީ އަދި އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ވެސް ދަތުރުތައް ފަށާފައިވާ އެއާލައިނުން ރާއްޖެ އަށް ފަށާ ދަތުރުތަކުގައި ބޭނުންކުރާނީ  އޭ320 އާއި އޭ321 މަރުކާގެ 262 ޖާގައިގެ މަތިންދާ ބޯޓެއް ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް، ފްލައިޓު ޓިކެޓްގެ އަގު އެ އެއާލައިނުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މިހިން ލަންކާއިން ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށީ ޖޫން 2007 ގަ އެވެ. ނަމަވެސް، އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކެއް ސަބަބުން ވަނީ 2008 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭ ދަތުރުތައް ހުއްޓާލާފައި އެވެ.