19:00


ފުޅާ ދާއިރާއެއްގައި މަސްތުވަތަކެތީގެ ވިޔަފާރި ކުރުމަށް ބަޔަކު ތައްޔާރުކޮށްފައިވާ ތަނެއް ހއ. ހޯރަފުށީ ވަލުތެރެއިން ފުލުހުން ހޯދައިފި އެވެ.


ފުލުހުން ބުނީ މީހުން ދިރިއުޅޭ ސަރަހައްދާ ގާތްގަނޑަކަށް 1،000 ފޫޓް ދުރުގައި އުތުރު ފަރާތު ވަލުތެރޭގައި ހަދައިފައިވާ އެތަން ފުލުހުން ހޯދައިފައި ވަނީ ހޯރަފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ލަކުޑިން ހަދައިފައިވާ ދެ ގޮނޑި އާއި ކުޑަ މޭޒެއްވެސް ހުރި އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 273 ސެލޯފިންކޮޅާއި 80 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ އެ ސަރަހައްދުގައި ހުރި ކަށިކެޔޮ ގަހެއްގެ ދަށުގައި ހުރި ފަތްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.