24 Mar 2013, 16:01
މަކިޓާ ބުރޭންޑްގެ ޕުރޮޑެކްޓްތަކަށް ހާއްސަކޮށްގެން އެސްޓީއޯއިން "ހޭއްޔާ މަކިޓާ" ނަމުގައި މިއަދު ޕުރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓްގައި މިއަދުން ފެށިގެން މިއަންނަ މަހުގެ 28 ގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕުރޮމޯޝަން ފަށްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ.
ޕުރޮމޯޝަން ފަށްޓަވައިދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތް ދެއްވަމުން އާޒިމް ވިދާޅުވީ އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ މަކިޓާ ޕުރޮޑަކްޓަކުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޕުރޮމޯޝަންއިން ގަންނަ މަކިޓާ ބުރޭންޑްގެ ކޮންމެ ޕުރޮޑަކްޓަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ޕުރޮމޯޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަކިޓާގެ ޕުރޮޑެކްޓްތަށް އިސްތިހާރުކޮށް މި ޕުރޮޑަކްޓަތަކަށް އާންމުންގެ އިތިބާރު ހޯދުން" އާޒިމް ވިދާޅުވިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެޕުރޮމޯޝަންގައި ކުރާ ކޮންމެ 500ރ. އިން މަތީ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް 20000ރ. ގެ މަކިޓާ ޓޫލުސް ލިބޭއިރު ދެ ވަނަ އަށް ހޮވޭ ފަރާތަކަށް މަކީޓާ މޮޓޯ ބައިސްކަލެއް ދޭއިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް 6000ރ. ގެ މަކިޓާ ޓޫލުސް ލިބޭނެ ކަމަށެވެ.