ގާފަރު ސްކޫލުގެ " ކުޅިވަރު އީދު " ފެށިގެން ކުރިއަށް އެބަ ދެއެވެ. ސްކުލޫ ބަންދާ ދިމާކޮށް "ސަމާ އައިލެންޑް ވިލެޖް ސްޕޯޓްސް ފެސްޓިވަލް " ގެ ނަމުގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރާ ކުޅިވަރު އީދުގެ ހަރަކާތްތައް ފަށާފައިވަނީ މި ދިޔަ ބުރާސްފަތި ދުވަހު އެވެ.

ގާފަރު ސުކޫލުގެ ސްޕޯޓްސް ކޯޑިނޭޓަރު އަހްމަދު ނާހިދު ސަން މައުލޫމާތު ދެއްވި ގޮތުގައި ތަފާތު އެކި ކުޅިވަރުތަކާ އެކު މުޅިއެކު ނުވަ ކުޅިވަރެއް ހިމެނެ އެވެ. އަދި ކުޅިވަރުތައް ހެނދުނާއި ހަވީރާއި އަދި ރޭގަނޑު ވެސް ކުރިއަށްދާނެއެވެ.

"ސްޕޯޓްސް ފެސްޓިވަލްގައި ތަފާތު ނުވަ ކުޅިވަރެއް ހިމެނޭނެ. އޭގެ ތެރޭގައި ފުޓްބޯޅަ އާއި ނެޓް ބޯޅަ އާއި އަދި ހާއްސަކޮށް މި ފެސްޓިވަލްގައި އެތުލެޓިކްސް ކުރިއަށް ދާނެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ހަވީރު އަދި ރޭގަނޑު ކުޅިވަރުތައް ކުރިއަށްދާނެ،"

ސަމާ އައިލެންޑް ވިލެޖް ރިސޯޓުން ސުޕޮންސާ ކޮށްގެން ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ކުރިއަށް ދާ ކުޅިވަރުތައް ބާއްވަމުންދަނީ ސްކޫލުގެ ހައުސްތަކުގެ މެދުގައި ކަމަށާއި އެ އީދަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ނާހިދު ވިދާޅުވި އެވެ. ކުޅިވަރު އީދު ނިމިނޭނީ އަންނަ އަންގާރަ ދުވަހެވެ. ކުޅިވަރަށް ހިމެނޭ ގޮތަށް ކުރިއަށްދާ ކުޅިވަރު އީދުގައި ވާދަކުރަނީ ސްކޫލްގެ ހައުސްތަކުގެ މެދުގައެވެ.

މީގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ޕްރީސްކޫލަށް އަމާޒު ކޮށްގެން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މިއަދު ހަވީރު ޕްރީ ސްކޫލަށް އަމާޒުކޮށްގެން ކުރިއަށްދާ ކުޅިވަރުތައް އޮންނާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.