24 Mar 2013, 15:29
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކުރި އެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަމަލީ ގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމަށް، އުޖޫރައެއް ލިބިދޭ ގޮތަށް 14 މެންބަރުންގެ ކައުންސިލެއް އުފެއްދައި "ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލު" އިގްތިސާދީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި "ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލު"ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 14 މެންބަރުންގެ ކުދި ވިޔަފާރީގެ ކައުންސިލުގައި ފަސް މިނިސްޓަރުން ތިއްބަވާނެ އެވެ. އަދި ސިވިލް ސޮސައިޓީތަކުގެ ހަތް މެންބަރުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާއި މިރާގެ ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަން ވެސް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ބިލުގައި ބުނެ އެވެ. އެ ކައުންސިލް އުފައްދާނީ ބިލް ތަސްދީގު ކުރާ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގަ އެވެ.
ކައުންސިލްގައި ހިމެނޭ 14 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އިނާޔަތާއި އުޖޫރަ ލިބިވަޑައިގަންނަވާނީ މަގާމުގެ ހައިސިއްޔަތުން ކައުންސިލްގައި ހިމެނޭ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި ކައުންސިލްގެ މަގުސަދަކީ ކުދި ވިޔަފާރިތައް ތަރައްގީ ކުުރުމަށް ސަރުކާރުން ހިންގާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އަމަލު ކުރާނެ ގޮތުގެ ލަފާ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރާ ވަޒީރަށް ލަފާ އެރުވުމެވެ. އަދި ކުދި ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް ގައުމީ އޮނިގަނޑެއް އުކުލަވާލުމާއި އެ ދާއިރާ އަށް ފަންނީ ލަފާދިނުމާއި މާލީ އެހީތެރިކަން ދިނުމަށް ސިޔާސަތުތައް ކަނޑައަޅުމެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ކުދި ވިޔަފާރިތައް ތިން ބަޔަކަށް ގިންތި ކޮށްފައިވެ އެވެ. އެއީ "އެންމެ ކުދި ފަންތީގެ ވިޔަފާރި" އާއި "ކުދި ފަންތީގެ ވިޔަފާރި" އާއި "މެދުފަންތީގެ ވިޔަފާރި" އެވެ. އެންމެ ކުދި ފަންތީގެ ވިޔަފާރިއަކީ އަހަރެއްގެ މައްޗަށް 5،00000 ރ. އަށް ޖުމްލަ އާމްދަނީ އިތުރު ނުވެ، ހަ މުއައްޒަރުނަށް ވުރެ މަދުން ގެންގުޅޭ ވިޔަފާރި އެވެ. އަދި ކުދި ފަންތީގެ ވިޔަފާރިއަކީ 5،00001ރ. އާއި 5،000،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ވިޔަފާރި އެވެ. އެއީ ހަ މުވައްޒަފުންނާއި 30 މުވައްޒަފުންނާ ދެމެދުގެ މީހުން ގެންގުޅޭ ވިޔަފާރިތަކެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މެދުފަންތީގެ ވިޔަފާރިއަކީ 5،000،001ރ. އާާއި 20،000،000ރ. އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އެއީ 31- 100 އާ ދެމެދު މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަކީ މެދުފަންތީގެ ވިޔަފާރި ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެފަދަ ވިޔަފާރިތަކަށް ދައުލަތުން އިނާޔަތް ލިބި ދެވެނީ އެ ވިޔަފާރިތަކަކީ ދިވެހިން ހިއްސާވެގެން ހިންގާ ވިޔަފާރިއަކަށް ވާނަމަ އެވެ. ބިލުގައި ބުނާ ގޮތުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ދޫކުރަނީ 5،00000ރ. އެވެ. ނަމަވެސް ޕާޓްނާޝިޕް، ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1،500000ރ. ދޫކުރެވޭނެ އެވެ. އެއީ ފަހުން ދައްކާ ހަލާސް ކުރާ ގޮތައް ދޫކުރާ ފައިސާ އެވެ.
ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓްގައި 50،000،000ރ. ދައުލަތުގެ ބަޖެޓްގައި ހިމަނަންވާނެ ކަމަށާއި އެ ފައިސާއަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފައިސާ ދޫކުރާ ފަންޑަށް ޖަމާ ކުރެވޭނެ ފައިސާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.