އަންނަ އޭޕްރީލް މަހުގެ 21 އިން 28 އަށް އީރާނުގައި އޮންނަ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ކަކުލު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޓީމުން އޭނާ ބާކީ ކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު މިއަދު ވިދާޅުވީ، ގައުމީ ސްކޮޑުން ލޯންގޭ ބާކީ ކުރީ އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ކޮށްފައިވާ އެޕަރޭޝަނުން މުޅިން އޭނަ ފިޓްނުވާތީވެ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ލޯންގޭއަށް ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ވެސް ހުސެން ވިދާޅުވިއެވެ.

"ޓީމަށް ލޯންގޭ ނެތްތަން ދައްކާނެ. މުބާރާތް ފެށެންވާއިރަށް ވެސް އޭނަ ފިޓްވާނެ ކަމުގެ ޔަގީން ކަމެއް ނެތް. މުބާރާތައް ތައްޔާރު ވުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ދު ވާލަކު ދެފަހަރު އަންނަނީ ކުރަމުން. މިހާރު ޓީމުގައި ތިބީ 15 ކުޅުންތެރިންގެ ސްކޮޑެއް. މުބާރާތުގައި ވާދަކުރުމަށް އިރާނަށް ދާނީވެސް އެ 15 ކުޅުންތެރިން" ހުސެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް އިރާނަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ޖަޕާން، އޮމާން އަދި ކަޖަކިސްތާނެވެ.