24 Mar 2013, 15:06
މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެންމެހާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދި އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
އެމްޑީއޭ އިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މިގޮތަށް ހުށަހެޅީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ސިޓީގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި އެމްޑީއޭ އިން ފާހަގަ ކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) އަށް އަމަލުކުރުމުގެ ގޮތުން މެންބަރުން ހަމަކުރާ އިރު، އެ ގާނޫނު ތަސްދީގު ކުރެއްވި އިރު އިލެކްޝަންސް ކޮމިޝަނަށް އެހާތަނަށް ހުށަހަޅާފައިވާ މެންބަޝިޕް ފޯމުތަކުގެ ސައްހަކަން ޔަގީން ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
"ވީމާ މި ޕާޓީން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ނުގުނައި އަދި އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަކާ ނުލައި ބެހެއްޓުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ ރޫހާއި ޚިލާފު އަދި އެ އަމުރުގައި ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައިވާ އެންގުމާ ޚިލާފުވާ ފަދަ ކަމެއް ކަމަށް މި ޕާޓީން ދެކޭތީ، މި މައްސަލަ ތިޔަ ކޮމެޓީން ވީހާ ވެސް އަވަހަކަށް ބައްލަވައިދެއްވައި، މި ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެންމެހާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދެމެވެ." އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސޮއި ކުރައްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ފޮނުއްވާފައިވާ ދެ ސޮފުހާގެ ސިޓީގައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީއޭގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ސަން އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކަންތައްތައް މިހާރު މި އޮތް ހާލަތަށް ބަލާ އިރު، މި ކަމަށް ގޮތެއް ނިންމުމުގެ އިޚުތިޔާރާއި ބާރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގޮތުން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު ވެސް އޮތީ ޕާޓީތައް އުވޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކަމަށްވާ އިރު، ޕާޓީތައް ވުޖޫދުގައި ދެމެހެއްޓުމަށް އަދި އަދި އެ ޕްރޮސެސް އަވަސް ކުރުމަށް މަސައްކަތް ކުރުމުގެ ބާރު ކޮމެޓީ އަށް އޮންނާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަކީ ދިވެހިރާއްޖޭގެ އެންމެހައި މިނިވަން މުއައްސަސާތަކުގެ ބެލެނިވެރި ފަރާތް. ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތަކުގައި ފިންގާޕްރިންޓު ޖެހުމުގެ މައްސަލައިގައި ވެސް ކުރިން އިލެކްޝަނުން ފޯމުތައް ބަލައިގަތުމުގައި މައްސަލަތަކެއް ކުރިމަތިވި. ސިޔާސީ ޕާޓީތަކުގެ މެދުގައި އެ ކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދުނު. އެކަމުގައި ވެސް އެންމެ ފަހުން ގޮތެއް ނިންމީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން. އަދި އެ ނިންމުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އައީ ވެސް. އެހެން ކަމުން މިހާލަތުގައި ވެސް ޕާޓީތައް ނުއުވި، ވުޖޫދުގައި ދެމެހެއްޓުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ ފުރިހަމަ ބާރު އެ ކޮމެޓީއަށް ލިބިގެންވާ ކަމަށް އެމްޑީއޭ އިން ގަބޫލު ކުރަނީ،" އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ ޕާޓީ އަށް އަލަށް ވަންނަން ބޭނުންވާ މީހުންގެ ފޯމުތައް އިލެކްޝަނުން ބަލައިނުގަންނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަލަށް ފާސްކުރި ގާނޫނުގެ ދަށުން އެމްޑީއޭ އަށް ވަނުމަށް އެދި ފޯމު ފުރާފައިވާ، ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ފޯމުތައް ވެސް ޕާޓީގެ އޮފީހުގައި ބަހައްޓަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީ އަށް އަލަށް ގުޅުމަށް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުން ދިޔަ ނަމަވެސް، އާ ގާނޫނާ ގުޅިގެން ހެދޭ ގަވައިދުގެ ދަށުން މެންބާޝިޕު ފޯމުގެ ޑިޒައިނަށް ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ފޯމު ބަލައިގަތުމުގައި އިލެކްޝަނުން ގެންގުޅެފާނެ އުސޫލެއް ނޭނގި ލަސްވާތީ އެ ކަމާ މެދު ވެސް ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އާމިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މެންބާޝިޕު ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވުން އެދި އިލެކްޝަންސް ކޮމިޝަނުގައި ވެސް ޕާޓީން އެދިފައިވާ ކަމަށެވެ. އަދި ގާނޫނީ މަރުހަލާގައި ވެސް ޕާޓީގެ ލީގަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިޔާސީ ޕާތީތަކުގެ ބިލު ފާސް ކުރުމުގެ ކުރީން އެމްޑީއޭ އިން ވަނީ 10000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވައި ގެޒެޓު ކުރެއްވުމުގެ ކުރީން 12000 އަށް ވުރެ ގިނަ ފޯމު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވެ އެވެ.