24 Mar 2013, 14:52
ސްރީލަންކާގެ ނެޓްބޯލް އެކަޑަމީ ޓީމާއި ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ މެޗު ރާއްޖޭގެ ޓީމު ކާމިޔާބު ކޮށްފި އެވެ.
އަންނަ ޖޫންމަހު ބްރޫނާއީގައި ބާއްވާ 21 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ލަންކާގައި ކުރިއަށް ގެންދާ ފަރިތަ ކުރުންތަކުގައި އެގައުމުގެ ނެޓްބޯލް ފެޑަރޭޝަންގެ ނެޓްބޯލް އެކަޑަމީ ޓީމާ ވާދަ ކޮށް ރާއްޖެ މެޗު ކާމިޔާބު ކުރީ، 15 ޕޮއިންޓު 25 ޕޮއިންޓުންނެވެ.
ޖުމުލަ 18 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނޭ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުގެ ސްކޮޑް ސްރީލަންކާއަށް ފުރާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ނެޓްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް މުހައްމަދު ނަބީލް ލަންކާގައި ހުންނަވައިގެން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގައުމީ ނެޓްބޯޅަ ޓީމު މިހާރު ލަންކާއަށް ކުރަމުން ގެންދާ ތަމްރީނު ދަތުރުގައި ލަންކާގެ އިތުރު ޓީމުތަކަކާއި ކުޅެން ހަމަޖެހިފަވާ ކަމަށާއި އެގޮތުން ލަންކާގެ ގައުމީ ޖޫނިއާޓީމާ އެކުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ނަބީލް ވިދާޅުވި އެވެ.
ލަންކާގައި ކޭމްޕު ކޮށްގެން ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު ކުރަމުންގެންދާ ފަރިތަކުރުންތައް ނިންމާލާފައި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އިތުރުން ޖޫނިއާ އޭސިއަންޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމު ތަކަކީ ލަންކާ، އިންޑިޔާ، މެލޭސިޔާ ސިންގަޕޫރު، ބުރުނާއި، ނޭޕާލް، ޕާކިސްތާން، ހޮންކޮންގް އަދި ޖަޕާނެވެ.