ވޯލްޑްކަޕް ކޮލިފައިންގައި ވިލާތު ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ މެދުގައި ކުޅެވޭ މެޗުތަކުގެ ތެރެއިން ގްރޫޕް އީގެ ސައިޕްރަސް އާއި ސްވިޒަލެންޑް ބައްދަލު ކުރި މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ސްވިޒަލޭންޑް ހިމެނޭ ގުރޫޕުގެ ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތް ކަމުގައި ވީނަމަވެސް އިގްތިސާދީ އަނދަވަޅަކަށްވެއްޓިފައިވާ ސައިޕްރަސްގެ ވެރިރަށް ނިކޯސިއާގެ ސްޓޭޑިއަމެއްގައި މަދު ސަޕޯޓަރުން ކޮޅެއްގެ ކުރިމަތީގައި ކުޅުނު މެޗުގައި ސްވިޒަލޭންޑަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

ސްވިސް ފޯވަޑް ޝިރްދާން ޝާރުގީއަށް މެޗުގެ 15 ވަނަ މިނިޓުގައި ކަނޑުޖަހަން ލިބުނު ބޯޅަދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޝަރްގީއަށް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތެއް އޭނާއަށް ވަނީ ގެއްލިފަ އެވެ. މެޗުގެ 33 ވަނަ މިނިޓުގައި ސައިޕްރަސްގެ ކޮންސްޓަންޓިނޯސް މަކްރިޑޭޒް ސްވިސް ގޯލަށް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލްދަނޑިގައި ޖެހިފައި ބޭރަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ސްވިޒަލޭންޑް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނެތްއިރު އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް އައިސްލޭންޑައި އަލްބޭނިޔާއަށްވުރެ ދެ ޕޮއިންޓު ކުރީގަ އެވެ. އެ ގުރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ނޯވޭއާއި ސްލޮވީނިއާ އެވެ.

ރޭ ގްރޫޕް އެފްގެ ރަޝިޔާއާއި ނޯދަން އަޔަލެންޑްސް ކުޅެން ހަމަޖެހިފައިވާ މެޗު ވަނީ ބޯކޮށް ސްނޯ ފޭބުމުގެ ސަަބަބުން ކެންސަލް ކޮށްފައެވެ. މިއީ ސްނޯގެ ސަބަބުން އެމެޗު ފަސްކުރި ދެވަނަ ފަހަރެވެ.