ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިގްރީ ކޯހެއް ފަށައިފި އެވެ.

ކޮލެޖެއްގެ ދަރަޖަ މިހާރު ދީފައިވާ އައިލްސް އިން ފުރަތަމަ ފަހަރަށް ފެށި ޑިގްރީ ކޯހަކީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. އަދި އެ ކޯސް މިއަދު ފެށިއިރު ކޯހުގެ 57 ޕަސެންޓް ބައިވެރިންނަކީ ފުލުހުންނެވެ. އަދި އަނެއް 47 ޕަސެންޓް ދީފައި ވަނީ ސެކިއުރިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެގޮތުން އެ ކޯހުގައި ކަސްޓަމްސް އާއި އިމިގިރޭޝަން އޮފިޝަލުންނާއި ޑީޕީއާރުއެސްގެ އިތުރުން ސިފައިން ބައިވެރިވެ އެވެ.

މިއަދު ފެށި ކޯހާ ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ މިސަރަހައްދުގެ ގައުމުތަކުގައި ވެސް ލިބޭ ފަދަ ތަމްރީނުތައް ދިނުމުގެ ކުޅަދާނަކަން މިއަދު ދިވެހި ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު އޮތީ އެފަދަ ތަމްރީނުތައް މެދުކެނޑި ޕޮލިސް އެކަޑަމީ އޮތީ ހުއްޓުމަކަށް އައިސް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އަދި 2012 ވަނަ އަހަރު ކޮމިޝަނަރު ކަމާހަވާލުވެ އެންމެ އިސްކަމެއް ދިނީ ފުލުހުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދައިދީ ޕްރޮފެޝަނަލް ކަމާއެކު މަސައްކަތްކުރާ ބަޔަކަށް ހެދުމަށެވެ.

ފުލުހުންނަށް ހިންގާ ކޯސްތަކަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރާ ވަރުގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއްކަން ކޮމިޝަނާ ރިޔާޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ވެސް އައިލްސް އިން ކުރިއަށް ގެންދާނެ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީގެ އެހީގައި ކުރިއަށްގެންދާ އެކޯހުގައި ކިޔަވާ ދަރިވަރުންނަށް އެ ޔުނިވަސިޓީގެ ރިސާޗް އީ-ލައިބްރަރީގެ ޚިދުމަތް ވެސް ލިބޭނެ އެވެ. އަދި އެ ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ ދިވެހި ލެކްޗަރާއިންގެ އިތުރުން ވެސްޓަން ޔުނިވަސިޓީގެ ލެކްޗަރާއިންނެވެ.