24 Mar 2013, 13:58
އީރާނަށް އދ. އިން ކަނޑައަޅާފައި ހުންވާ ސްޕެޝަލް ރެޕަޓުއަ އޮފް ހިއުމަން ރައިޓްސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފި އެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި އދ. އަށް ރޮޕޯޓްކުރެއްވުމުގެ މަސްއޫލިއްޔަތާ ޑރ. ޝަހީދަށް ދެއްވާފައިވާ މަގާމުގެ މުއްދަތު އިތުރުކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު އޮތް ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ ސެޝަނުގައި 26 ގައުމަކުން އެކަމަށް ވޯޓްދީގެންނެވެ. އެސެޝަނުގައި ޑރ. ޝަހީދުގެ މަގާމު އިތުރުކުރުމާ ދެކޮޅަށް ދެ ގައުމަކުން ވޯޓް ދިން އިރު 17 ގައުމަކުން ވޯޓްގައި ބައިވެރި ނުވާ ކަމަށް ޔޫއެން ހިއުމަންރައިޓްސް ކައުންސިލުން ބުންޏެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވާ ސްޕެޝަލް ރެޕަޓުއާ އަކަށް ޑރ. ޝަހީދު ފުރަތަމަ ހަމަޖެއްސި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ މަގާމުގެ ހައިސިއްޔަތުން އީރާނަށް ދަތުރުކުރެއްވުމުގެ ހުއްދަ އީރާނުން ވަނީ ނުދީފަ އެވެ. އަދި އޭނާ އަކީ އެމެރިކާ ސަރުކާރުން ރިޝްވަތު ހިއްޕަވާފައިވާ ކަމަށް ވެސް އީރާނުން ދާދިފަހުން ވަނީ ތުހުމަތު ކޮށްފަ އެވެ.
ނަމަވެސް ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އީރާނުގެ ވާހަކަތަކަކީ ވަރަށް ދެކޮޅު ނުޖެހޭ ވާހަތަކެއް ކަމަށެވެ.
"އެ ތުހުމަތުތަކަކީ ވަރަށް ދެކޮޅު ނުޖެހޭ، މޮޔަ ތުހުމަތުތަކެއް، އެއީ އެގައުމުގައި (އީރާނުގައި) ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އިންސާނީ ހައްގުތަކާ މެދު ދޭ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ޑިޒައިންކޮށްފައިވާ ތުހުމަތު ތަކެއް،" ޖެނީވާގައި ހުންނަ އދ.ގެ ހިއުމަންރައިޓްސް ކައުންސިލަށް ރިޕޯޓް ހުށައެޅުއްވުމަށް ވަޑައިގަންނަވަމުން ސަންއާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދ އޭރު ވިދާޅުވެފައިވެ އެވެ.