ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވީ 7:15 އެހާކަންހާއިރު ސޯސަން މަގުގައި ކަމަށެވެ.


އެ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓްގައި ކާރާއި ސައިކަލް ޖެހުމަށް ފަހު ސައިކަލު ކާރުން ނެޓިގެން ދިޔަ ވަގުތު އޭޑީކޭ ތެރެއިން ސޯސަން މަގަށް ނުކުތް އެހެން ކާރެއްގައި ޖެހި ސައިކަލްގައި ތިބި ދެ މީހުންނަށް އަނިޔާތައް ލިބިފައިވާ ކަމަށެވެ.


ފުލުހުން  ބުނީ އެކްސިޑެންޓްގައި ސައިކަލްގައި ތިބި ދެ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވި ވިޔަސް ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.


"މިހާރު އެ މީހުންނަށް ވަނީ ފަރުވާދީފައި،" މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.


ރޭގެ އެކްސިޑެންޓް ހިނގި އިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ސައިކަލް ދުއްވާފައި ވަނީ ވަރަށް ބާރަށް ކަމަށާއި ހޮސްޕިޓަލުން ނުކުތް ކާރުގައި ސައިކަލް ޖެހުނީ ފުރަތަމަ ޖެހުނު ކާރުން ނެއްޓި ވިއްސައިގެން ގޮސް ކަމަށެވެ.