24 Mar 2013, 13:06
ޓޫރިޒަމް ދާއިރާގައި ބޭނުންކުރެވޭ ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭނެ ބިއްލޫރި ފުޅީގައި ފިލްޓަރުކުރެވިފައިވާ ފެން ވިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަމަށް ބާރުއަޅާ މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ހޯލް ވޯލްޑް ވޯޓާ ފަންޑުން ބުނީ ދުނިޔޭގެ ފެނާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖެ އިން ހޯލް ވޯލްޑް ވޯޓާ ރިފަރަންޑަމް ފޯ ކުލީން އެންޑް ސޭފް ވޯޓާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ގޫގަލް ޕްލަސްގައި ކުރިއަށްދިޔަ "ހޭންގުއައުޓް" އެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކަމަށް ހޯލް ވޯލްޑް ވޯޓާ ފަންޑުން ބުނެ އެވެ.
މި ގޫގަލް ޕްލަސް ހޭންގުއައުޓްގައި ރައީސް ވަހީދުގެ އިތުރުން ބައިވެރިވެފައި ވަނީ، ވާޖިން ގުރޫޕްގެ ބާނީ ސާ ރިޗާޑް ބްރެންސަންއާއި ސޮނޭވާ ރިޒޯޓްސް އެންޑް ސްޕާސް ގެ ޗެއާމަން ސޯނޫ ޝިވްދާސަނީއާއި ކޮންޑެ ނާސްޓް ޓްރެވަލާގެ ގުލޯބަލް އެފެއާޒް އެޑިޓާ ޑިންޑާ އެލިއޮޓްއާއި ވެދާ ޗެނަލްގެ މޫސުމާ ބެހޭ ތަޖުރިބާކާރު މައިކް ބެޓޭސްއާއި އީކޯރައްޒީ ޑޮޓް ކޮމްގެ ބާނީ މައިކަލް ޑިއެސްޓްރީސްއާއި ހޯލް ވޯލްޑް ވޯޓާގެ ބާނީން ކަމަށްވާ ޖެނިފާ ވިލިގް އަދި ކަރީނާ އަލްބާސް އެވެ.
ގޫގަލް ޕްލަސް ހޭންގްއައުޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހޯލް ވޯލްޑް ވޯޓާ ފަންޑުގެ މިމަސައްކަތުގައި ރާއްޖޭގެ ހުރިހާ ރިޒޯޓަކުން ބައިވެރިވެ، ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކުން ގުޅިގެން މަސައްކަތްކޮށްފި ނަމަ، މިއީ ކާމިޔާބު ޕުރޮޖެކްޓަކަށް ވެގެންދާނެ ކަމަށެވެ.
ހޯލް ވޯލްޑް ވޯޓާ ރިފަރަންޑަމް ފޯ ކުލީން އެންޑް ސޭފް ވޯޓާގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރިޒޯޓުތަކުގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެން ވިއްކުން މަނާކުރާނެ އެވެ. އޭގެ ބަދަލުގައި ރިޒޯޓުތަކުގައި ވިއްކޭނީ ރިޒޯޓުގައި ތައްޔާރުކުރާ ފިލްޓާ ކުރެވިފައިވާ ފެން، އަލުން ބޭނުންކުރެވޭ ފަދަ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެވެ. މިގޮތަށް ވިއްކާ ފެނުން ލިބޭ ފައިދާގެ 10 ޕަސެންޓް ހޯލް ވޯލްޑް ވޯޓާ ފަންޑަށް ހަދިޔާކުރުމަށް ވެސް ރާއްޖެ އިން ވަނީ އެއްބަސްވެފަ އެވެ.
ހޯލް ވޯލްޑް ވޯޓާ ފަންޑަކީ ދުނިޔޭގައި ފެނަށް ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
ރާއްޖޭގެ ބައެއް ރިޒޯޓުތަކުގައި މިހާރު ވެސް ދަނީ ޕުލާސްޓިކް ފެން ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ބިއްލޫރި ފުޅީގައި ފެން ވިއްކަމުން ނެވެ. މިގޮތުން ސޮނޭވާ، ހޮލިޑޭ އިން، ތާޖު އަދި ދުސިތުގެ ރިޒޯޓުތަކުގައި ދަނީ ބިއްލޫރި ފުޅީގައި ފިލްޓާކުރެވިފައިވާ ފެން ޓޫރިސްޓުންނަށް ވިއްކަމުންނެވެ.