24 Mar 2013, 12:52
ގިނައިން ހަކުރު އެކުލެވޭ ފިޒީ ޑްރިންކްސް ފަދަ ބާވަތްތައް ބުއިމުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވާ ވާހަކަ ސިއްހީ މާހިރުން ދައްކަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެކަމަށް މީހުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ހޭލުންތެރިވެސް ވެފަ އެވެ.
ނަމަވެސް އޮސްޓްރޭލިއާގެ ހަވަޑް ޔުނިވަސިޓީން ދާދިފަހުން ކުރި ދިރާސާއަކުން އެނގިފައި ވަނީ ފޮނިގަދަ ވުމަށް ވުރެ ގޯހީ ލޮނުގަދަ ވުން ކަމެވެ. އެގޮތުން ފޮނިގަދަ ބުއިންތައް ބުއިމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި މަރުވާ މީހުނަށް ވުރެ 10 ގުނަ އިތުރު އަދަދެއްގެ މީހުން ލޮނުގަދަކޮށް ކެއުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި މަރުވާ ކަމެވެ.
ހަވަޑް ޔުނިވަސިޓީގެ ދިރާސާއިން އެނގިފައި ވަނީ މާ ލޮނުގަދަކޮށް ކެއުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި މުޅި ދުނިޔެ އިން އަހަރަކު 2.5 މިލިޔަން މީހުން މަރުވާ ކަމެވެ. ނަމަވެސް ފޮނިގަދަ ބާވަތްތައް ހާއްސަކޮށް ފިޒީ ޑްރިންކްތައް ބުއިމުގެ ސަބަބުން މަރުވަނީ 180،000 މީހުން ކަން ހަމަ އެ ދިރާސާއިން އެނގުނެވެ.
"ބޭނުންކުރާ ސޯޑިއަމް( ލޮނުގައި އެކުލެވޭ މާއްދާއެއް) މަދުކުރުމަށް ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ރޭވުންތެރި ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ އެތައް މިލިޔަން ފުރާނައެއް ސާމަތްކުރެވިދާނެ،" ދިރާސާގައި އިސްކޮށް އުޅުއްވި ހަވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސޯސިއޭޓް ޕްރޮފެސަރް އޮފް މެޑިސިން އެންޑް އެޕިޑޮމޮލޮޖީ ދަރިއުޝް މުޒައްފައިރަން ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުންނެވެ.
ދަރިއޫޝް ވިދާޅުވެފައި ވަނީ ސޯޑިއަމްގެ މައްސަލަ ހައްލުކުރުމަކީ ފޮނިގަދަ ބުއިންތަކުގެ މައްސަލައަށް ވުރެ ބުރަކަމަކަށް ވާނެ އެވެ.
"އެއީ ހަކުރުއަޅާފައިވާ ފޮނި ބުއިންތަކަކީ މީހުންނަށް ދޫކޮށްލެވިދާނެ އެންމެ ބާވަތެއް، އެކަމަކު ސޯޑިއަމް އެބަ އެކުލެވޭ ހުރިހާ އެއްޗެއްގައި،" ދަރިއޫޝް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ދިރާސާއިން އެނގިފައިވާ ގޮތުގައި ގިނައިން ލޮނު ބޭނުންކުރުމުގެ ސަބަބުން މަރުވާ މީހުންގެ 40 ޕަސެންޓް މީހުންނަކީ އުމުން 69 އަހަރަށް ވުރެ ހަގު މީހުންނެވެ. އަދި އެއީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި މީހުން މަރުވާ އެވްރެޖް އުމުރަށް ވުރެ ހަގު އުމުރެކެވެ.
ދިރާސާ އިން އެނގިފައިވާ ގޮތުގައި ލޮނުގަދަކޮށް ކެއުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި މަރުވާ މީހުންގެ ތެރެއިން 42 ޕަސެންޓް މީހުން މަރުވަނީ ހާޓް އެޓޭކް ޖެހިގެންނެވެ. އަދި 41 ޕަސެންޓް މަރުވަނީ ސްޓްރޯކް ޖެހިގެންނެވެ.
ބޮޑެތިމީހުން ސޯޑިއަމް ބޭނުންކުރާ މިންވަރު ބެލުމަށް ، އުމުރާއި ޖިންސާއި ސަރަހައްދާއި ގައުމު އެނގޭ ގޮތަށް ކޮށްފައިވާ 247 ސާވޭއެއް ދިރާސާގެ ބައިވެރިން ވަނީ މުތާލިއާ ކޮށްފަ އެވެ.
އިނގިރޭސިންގެ މިދިރާސާ އަކީ "2010 ގްލޯބަލް ބާޑުން އޮފް ޑިސީސް"ގެ ނަމުގައި ދުނިޔޭގެ 50 ގައުމެއްގެ 303 އިންސްޓްޓިއުޝަނަށް ނިސްބަތްވާ 488 ސައިންސްވެރިން ގުޅިގެން ކުރަމުން އަންނަ ދިރާސާގެ ބައެއްގެ ގޮތުން ކުރި މަސައްކަތެކެވެ.