24 Mar 2013, 12:36
ކްރްމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތް ރިޔާސީ އިންތިހާބު ނިމެންދެން ފަސްކޮށް ދިނުމަށް އެދި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދުގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ރިޔާސީ އިންތިހާބް ނިމެންދެން ފަސްކޮށް ދިނުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދުނު ނަމަވެސް އެ ކޯޓުން މައްސަލަ އެދިވަޑައިގެންނެވި ގޮތަށް ފަސްކޮށް ދެއްވާފައި ނުވާތީ މިއަދު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރެއްވީ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން ހުޅުމާލޭ ކޯޓުގައި އެދުނިން ރިޔާސީ އިންތިހާން ނިމެންދެން ޝަރީޢާތް ފަސްކޮށް ދިނުމަށް. ޕީޖީ ވަނީ ވިދާޅުވެފައި އެ މަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތޭ ޝަރީއަތް ފަސް ކުރުމަކަށް. އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރަނީ ރައީސް ނަޝީދުގެ ޝަރީޢަތަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ޝަރީޢަތެއް ކަމަށް. އެހެން ވީމާ އަޅުގަނޑުމެން އެ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފް ކުރީ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމެންދެން ޝަރީޢަތް ފަސްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ކަނޑައަޅައި އިޖުރާތުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އަންގައި މައްސަލަބަލައި ނުގަނެ ބޭރު ކޮށްލާފައިވާ ކަމަށެވެ.
ނަޝީދުގެ ޝަރީއަތް ރިޔާސީ އިންތިހާބު ނިމެންދެން ފަސްކޮށް ދެއްވުމަށް އެދިވަޑައިގަތުމުން އެ ކޯޓުން ނިންމާފައި ވަނީ ރައީސް ނަޝީދަކީ ގާނޫނީ ހަމަތަކުގެ މަތީން އަދި ރިޔާސީ ކެންޑިޑޭޓަކަށް ނުވާތީ އެމަނިކުފާން އެދިވަޑައިގެންނެވި ގޮތަށް ޝަރީޢަތް ފަސްކޮށްދެވެން ނެތް ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތުން މިއަދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތް ކަމެއް އެކޯޓުން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.