24 Mar 2013, 12:05
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކުލަބެއްގެ މެނޭޖްމަންޓުން ނުވަތަ ކޯޗެއްގެ ގޮތުގައި ކުރިއަށް އޮތްތަނުގައި ފެނިދާނެ ކަމަށް އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ތަރި މައިކަލް އޮވެން ބުނެފި އެވެ.
މިހާރު އިނގިރޭސި ލީގުގެ ސްޓޯކް ސިޓީއަށް ކުޅޭ އުމުރުން 33 އަހަރުގެ ސްޓްރައިކަރު އަންގާރަދުވަހު ފުޓްބޯލް ފޯކަސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިސީޒަން ނިމުމުން އޭނާ ކުޅުން ހުއްޓައިލާނެ ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅައާ ދުރަށް ނުދާނެ ކަމަށެވެ.
އޮވެން ބުނެފައިވަނީ ފުޓްބޯޅަ މެނޭޖްމަންޓުގައި މަސައްކަތް ކުރުމަށް ހުޅުވިފައިވާ ދޮރު އަދި ބަންދު ނުވާ ކަމަށެވެ. އަދި މީހުންނަށް ނޫނެކޭ ބުނުމަކީ އޭނާއަށް އުނދަގޫ ކަމެއް ކަމަށާއި އެހެން ކަމުން ރަނގަޅު އޮފާއެއް ލިބިއްޖެ ނަމަ އުފަލާ އެކު އެކަން ގަބޫލު ކުރާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
ކުރިން ލިވަޕޫލާއި، ރެއާލް މެޑްރިޑް، ނިއުކާސެލް ޔުނައިޓެޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ހަލުއި ފޯވަޑް ހާމަ ކުރިގޮތުގައި އޭނާ ކުޅުން ހުއްޓާލުމަށްފަހު ގަސްދު ކުރަނީ އަމިއްލަ "ޕަންޑިޓްރީ ކޮމްޕެނީ"އެއް ހުޅުވުމަށެވެ. އަދި އެމަސައްކަތް ފެށި ނަމަވެސް ކުލަބެއްގެ މެނޭޖްމަންޓުގައި ނުވަތަ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބިއްޖެ ނަމަ އެގޮތުގައި ފެނުމަކީ ވަރަށް ކައިރި ކަމެއްގެ ގޮތުގައި އޮވެން ބުނެފައި ވެއެވެ.