24 Mar 2013, 12:03
ޅ. ހިންނަވަރު ބިޖިލީގޭގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކޮށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ އެރަށު ލަކީ ނިހާދު މުހައްމަދު ދައުވާއަށް އިންކާރުކުރުމުން ދައުލަތުން އެ މައްސަލައިގައި ހެކި ހުށަހަޅައިފި އެވެ.
ދައުވާއަށް ނިހާދު އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކީންގެ ގޮތުގައި ހަތް މީހަކު ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އެގޭގައި ރޯކޮށްލި މަންޒަރު ދުށް އެއްވެސް މީހަކު ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ނުހިމެނެއެވެ.
ހެކި ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ބައެއް ހެކީން ހުށަހަޅާފައި ވަނީ އެގޭގައި ރޯކޮށްލި ދުވަސް ނޫން އޭގެ ކުރީދުވަހު އޭނާ އެރަށު ފިހާރައަކުން ކަރާސީނު ތެޔޮ ގަތްކަން ސާބިތުކުރުމަށް ކަމަށެވެ. އޭގެ އިތުރުން ހުށަހެޅި ހެކީންނަކީ އަލިފާން ރޯކޮށްލި ދުވަހު ހުއްދަ ނުހޯދައި އޭނާ އެ ގެއަށް ވަނުމުން ގެއިން ނުކުތުމަށް އެވަގުތު އެގޭގައި ހުރި މީހަކު އޭނާއަށް އެންގި ކަން ސާބިތު ކުރިމަށް ހުށަހެޅި ހެކިތަކެކެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:30 އެހައިކަންހާއިރު ބިޖިލީގޭގައި އޭނާ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނިހާދު ބުނީ އެއީ އޭނާ ކޮށްފައިވާ ކަމެއް ނޫންކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނުފެށި ގިނަ ދުވަސްވީ ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވިގެން ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.