24 Mar 2013, 11:47
މީގެ ތިން އަހަރު ކުރިން، 2010 ވަނަ އަހަރު ފަލަސްތީނުގެ ގައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ތުރުކީގެ ފުލޯޓިއްލާ (އުޅަނދުފަހަރު) ތަކަށް ދިން ހަމަލާގައި މަރުވެފައިވާ ތުރުކީގެ ނުވަ މީހުންގެ މަރުގެ މައްސަލައިގައި އިޒްރޭލުން މައާފަށް އެދެފި އެވެ.
ދެހާސް ދިހަ ވަނަ އަހަރު ގައްޒާއަށް ދިއުމަށް މަސައްކަތްކުރި ތުރުކީގެ އުޅަނދުފަހަރަށް އިޒްރޭލުގެ ކޮމާންޑޯއިން ހަމަލާދީފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ ތެރޭގައެވެ. މިހަމަލައިގައި ތުރުކީގެ ނުވަ މީހަކު އިޒްރޭލުން މަރާލާފައިވާއިރު، މިކަމުގެ ސަބަބުން ތުރުކީ އާއި އިޒްރޭލުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ތުރުކީއާއި އިޒްރޭލުގެ ގުޅުން ރަނގަޅު ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފައްޓަވައިފައިވާ މަސައްކަތްތަކުގެ ދަށުން، އިޒްރޭލުން މައާފަށް އެދިފައިވާއިރު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދޭނެ ކަމަށެވެ.
އޮބާމާ އިޒްރޭލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިޒްރޭލުން މައާފަށް އެދުމުން، ތުރުކީން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ތުރުކީގެ ބޮޑު ވަޒީރު ރަޖަބު ތޮއްޔިބު އުރުދުގާން ވަނީ ތުރުކީގެ ރައްޔިތުންގެ ނަމުގައި މައާފް ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުފައެވެ.
ތުރުކީގެ ބޯޓެއް ކަމަށްވާ މާވީ މަރުމަރާއަށް އިޒްރޭލުގެ ކޮމާންޑޯއިން އަރައިފައި ވަނީ، އެބޯޓު ގައްޒާގެ ކަނޑުގެ ސަރަހައްދަށް ވަންނަން އުޅުމުގެ ތެރޭގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ.
މިއޮޕަރޭޝަންގައި ނުވަ މީހުން މަރުވެފައިވަނީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް އިޒްރޭލުން ބުނެފައިވާ ނަމަވެސް، އެގައުމުން ބުނީ ބާރުގެ ބޭނުންކޮށްފައި ވަނީ ބޯޓުގައި ތިބި އެކްޓިވިސްޓުން ހަތިޔާރުގެ ބޭނުންކުރުމުން ކަމަށެވެ.
ނަމަވެސް ބޯޓުގައި ތިބި އެހެން އެކްޓިވިސްޓުން ބުނެފައި ވަނީ ބޯޓަށް އެރި ގޮތަށް އިޒްރޭލުގެ ކޮމާންޑޯއިން ބަޑި ޖަހާން ފަށާފައިވާ ކަމަށެވެ.