24 Mar 2013, 11:40
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ ސޯޝަލް ނެޓްވޯކްތަކުގައި މިހާރު ފަށައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން ހަމައެކަނި އަގުވެއްޓޭނީ ރާއްޖޭގެ ޓޫރިޒަމް އަގު އެކަނި ނޫން ކަމަށާއި އެއީ ރާއްޖޭގެ އަގު ވެއްޓޭނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބް ވިދާޅުވެއްޖެ އެވެ.
ޒިނޭ ކުރިކަން ސާބިތު ވެގެން ހައްދު ޖެހުމަށް ހުކުމްކުރި 15 އަހަރުގެ އަންހެން ކުއްޖާގެ ގައިގާ ހައްދު ޖެހުމާ ދެކޮޅަށް އެމެރިކާގެ ނިއުޔޯކުގެ ކެމްޕެއިން ގުރޫޕެއް ކަމަށްވާ "އާވާޒް ޑޮޓް އޯއާރުޖީ"އިން ކެޕްއިނެއް ފަށައި ރާއްޖޭގެ ޓޫރިޒަމް އަގު ވައްޓާލާނެ ކަމުގެ އިންޒާރުތައް ވަނީ ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮނައިނަށް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރިއަށްގެންދާ އެ އެންޓި ކެމްޕެއިންތަކަކީ ރާއްޖޭގެ ޓޫރިޒަމް އަގު ވައްޓާލުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެކެމްޕެއިންތަކުގެ ސަބަބުން ހަމައެކަނި ވެއްޓިގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ އަގު އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ވެއްޓިގެންދާނީ ރާއްޖޭގެ އަގު ކަމަށެވެ.
"އެ ބޭފުޅުނަން އެގޮތަށް ކެމްޕެއިން ކުރާއިރު އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އެގިލައްވާނެ އެކަމުގައި ރައީސްގެ ސްޓޭންޑާއި އެޓާނީޖެނަރަލްގެ ސުޓޭންޓް. ދެން ރައީސް ނަޝީދުގެ ވެރިކަމަށް ބަލާއިރު ވެސް އެބަހުރި 14 އަހަރު ކުއްޖެއް ހަމަ އެހުކުމް އިއްވާފައި އޭރު އެ ވާހަކައެއް ނުދައްކާ،" މަލީހު ވިދާޅުވި އެވެ. "މިއީ ޓޫރިޒަމް ދާއިރާއާ އެކު މުޅި ގައުމުގެ އިގްތިސާދާއި އަގު ވައްޓާލުމަށް ހިންގާ ހަރަކާތްތަކެއް."
މަލީހު ވިދާޅުވީ އެމްޑީޕީއާ ގުޅުން ހުރި މީޑިއާތަކުންނާ އެކު އެފަރާތްތަކުން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމް ފުނޑުފުނޑު ކުރުމަށް ކަމަށާއި އެއީ ސިޔާސީ މަގުސަދަށް ޓަކައި ރާއްޖޭގެ އިގްތިސާދު ގުރުބާން ކުރުން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކުރާ ކެމްޕެއިންތަކުގެ ސަބަބުން ރާއްޖޭގެ އަގުވެއްޓި ބޭރުގެ ގައުމުތަކުން ދިވެހިންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުވުމެގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އެ ކެމްޕެއިންތަކަށް ވުރެ ރާއްޖޭގެ ޕްރޮމޯޝަން ކެމްޕެއިންތައް އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ހިޔާލު ތަފާތްވުމެއް އުޅޭ އިރަށް ރާއްޖެ އިން ބޭރު ފަރާތްތަކާ ގުޅިގެން ސިޔާސީ މަންފާ އަށް ރާއްޖޭގެ އިގްތިސާދު ގުރުބާން ކުރުމަށް ވިސްނުމަށް ވުރެ ގައުމާއި ދޭތެރޭ ވިސްނާ ކަންތައްތައް ހައްލުކުރުމަށް މަޝްވަރާކުރުން އިސްކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް އަގު ވައްތާލާނެ ކަމަށް ބުނެ ތަފާތް އިންޒާރުތަކާ އެކު ކެމްޕެއިންތައް މިހާރުކުރަމުންދާ އިރު މިދިޔަ އަހަރު ތެރޭގައި ރައީސް ނަޝިދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ވެސް ރާއްޖޭގެ ޓޫރިޒަމް އަގުވައްތާލުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެގޮތުން އެކެމްޕެއިންތަކުގެ އަސަރު ވަނީ ރާއްޖޭގެ ޓޫރިޒަމަށް ކޮންމެވެސް ވަރަކަށްކޮށްފަ އެވެ.