ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ޓެނިސް އެސޯސިއޭޝަން 19 ވަނަ ޗެމްޕިއަންޝިޕްގެ މެޗުތައް އިއްޔެ ވެސް ކުރިއަށް ގެންދިޔަ އެވެ.

އެގޮތުން 10 އަހަރުން ދަށުގެ ފިރިހެން ހަ މެޗާއި، 12 އަހަރުން ދަށުގެ އެއް މެޗާއި 14 އަހަރުން ދަށުގެ މެޗަކާއި 10 އަހަރުން ދަށުގެ އަންހެން އެއް މެޗާއި، މެންސް އޯޕަން ތިން މެޗު ކުޅެފައި ވެއެވެ.

ދިހައަހަރުން ދަށުގެ ފުރަތަމަ މެޗުގައި ނާމިގް ޝާހިދު އާއި ރާއިމް މޫސާ ކުޅުނު މެޗު ހަތެއް ދޭކުން ކާމިޔާބު ކުރީ ރާއިމް އެވެ. އަދި ދެވަނަ މެޗުގައި އިމްރާން ނަޒީރު އާއި މާކިން މުއާދު ބައްދަލުކުރި މެޗު ހަތެއް ދޭކުން ކާމިޔާބު ކުރީ މާކިން މުއާދު އެވެ. ތިންވަނަ މެޗުގައި އަމީން އުމަރު މޫސާ އާއި ކާއިން މިކާލް ފަޔާޒު ވާދަކުރި މެޗު ލިބުނީ ކާއިން އަށެވެ. ހަތަރުވަނަ މެޗުގައި އައްޔޫބު ޝަހީބް އާއި ޒަނައިން ހަމްދޫން ކުޅުނު މެޗު ހަތެއް އެކަކުން ކާމިޔާބު ކުރީ ޒަނައިން އެވެ. އެ އުމުރު ފުރައިގެ ފަސްވަނަ މެޗުގައި ޒާން ޒައިދު އައި ޔޫނުސް އަސްލަމް ވާދަކުރި މެޗު ހަތެއް ދޭކުން ޔޫނުސް މެޗު ކާމިޔާބު ކުރި އިރު ހަވަނަ މެޗުގައި ރައްޔާން ޔޫސުފް ރިޒާ އާއި އަބްދުލް ރާއިދު ވާދަކޮށް ހަތެއް އެކަކުން މެޗު ކާމިޔާބު ކުރީ ރައްޔާނެވެ.

ދިހަ އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ކުދިންގެ ބައިގައި ޖާނާ ޖަމީލު އާއި ލަޔާން ޝާމިން ކުޅެން އޮތް މެޗު ވޯކްއޯވާ ވުމުގެ ސަބަބުން މެޗު ލިބުނީ ޖާނާ ޖަމީލު އަށެވެ. 12 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން އިވެންޓުގައި ނާއިފް އާއި ލަޔާން ވާދަކުރި މެޗު އެކެއް ހަތަރެއް، ހަތަރެއް އެކެއް، ހަތަރެއް ސުމަކުން މެޗު ކާމިޔާބުކުރީ ލަޔާން ނާއިފު އެވެ. އަދި 14 އަހަރުން ދަށުގެ އުމުރު ފުރައިގެ އިވެންޓުގައި ދާއޫދު އާއި ޔޫސުފް އަކުރަމް ވާދަކުރި މެޗު ހައެއް އެކެއް، ހައެއް އެކަކުން ކާމިޔާބު ކުރީ ދާއޫދު އެވެ.

އިއްޔެ ކުޅުނު މެންސް އޯޕަންގައި ޑެނިއެލް އާއި އިގްނާޒް މަންސޫރު ވާދަކުރި މެޗު ހައެއް ސުމެއް، ހައެއް ސުމަކުން ކާމިޔާބު ކުރީ އިގްނާޒް އެވެ. އަދި ދެވަނަ މެޗުގައި ޖަޒްލާން އާއި އޮލިވާ ވާދަކޮށް ހައެއް އެކެއް، ހައެއް ސުމަކުން މެޗު ކާމިޔާބު ކުރީ ޖަޒްލާން އެވެ. މެންސް އޯޕަންގެ އިއްޔެގެ ފަހު މެޗުގައި އިމްޔާން އާއި ސޮފްވާން ވާދަކުރި މެޗު، ހައެއް ސުމެއް، އެކެއް ހައެއް، ހައެއް ތިނަކުން ކާމިޔާބު ކުރީ އިމްޔާން އެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމްއިން ބާއްވާ މިމުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ މިމަހު 22 ވަނަދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ.