އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންގެ އިއްތިފާގުން އޭސީސީގެ ރައީސް ކަމަށް ސ. ހިތަދޫ ރަންފަސް ހަސަން ލުތުފީ އިންތިހާބު ކޮށްފި އެވެ. ލުތުފީއާއެކު ނައިބު ރައީސަކީ މިހާރު ވެސް ނައިބަކަށް ހުންނެވި މުއައްވިޒް ރަޝީދެވެ.

މިއަދު ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ލުތުފީ އޭސިސީގެ ރައީސަކަށް ހޮއްވެވި އިރު އޭސީސީގެ މެންބަރު ކަމަށް ލުތުފީ އައްޔަން ކުރެއްވެވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އެއީ 30 ދުވަހުގެ ތެރޭގައި އޭނާ އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށް މަދަނީ ކޯޓުން ހުކުމް ކުރެއްވިތާ 13 ދުވަހުގެ ތެރޭގަ އެވެ.

ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކުގެ މައްސަލަ ފެންމަތިކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ލުތުފީ އަލަށް އެކުލަވާލާ އޭސީސީގެ މެމްބަރުކަމަށް ލުތުފީގެ ނަން ފާސްކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގެން މަޖިލީހަށް ފޮނުއްވީ 13 ޖޫން 2009 ގަ އެވެ. ނަމަވެސް ޖޫން 25 ގައި ރައީސް ލުތުފީގެ ނަން އަނބުރާ ގެންދަވައި އެހެން ނަމެއް އޭގެ ބަދަލުގައި މަޖިލީހަށް ފޮނުއްވިއިރު މަޖިލީހުގެ ކޮމެޓީން އޮތީ ލުތުފީއާ އިންޓަވިއު ކޮށް ނިންމައިފަ އެވެ.

އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ ޖުލައި 6، 2009ގަ އެވެ. އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ނުކުރައްވައި އޮތް ދުވަސްތަކުގެ ތެރޭގައި އޭސީސީން ވެސް ވަނީ ލުތުފީއާ ދެކޮޅަށް މަސައްކަތްތަކެއް ކޮށް ބަޔާންތައް ނެރެފައެވެ. ކުރީގެ އޮޑިޓަ ޖެނެރަލްގެ މައްޗަށް ކުރި ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭ ލިޔުންތަކެއް މަޖިލީހުގެ އިތުރުން ބައެއް ނޫސްތަކަށް ލުތުފީ ފޮނުވާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީން ފުލުހުންނަށް ވެސް ހުށަހެޅި އެވެ.