24 Mar 2013, 10:46
ކޯޗިން ކެރިއާގައި އަދިވެސް ހުންނަން ބޭނުންވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތާގައި ޗެލްސީގެ ކޯޗަކަށް ދިއުމުގެ ވިސްނުމެއް ގެންގުޅޭކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ސީޒަނަށްފަހު ރެއާލްގެ ކޯޗްކަމުން މޮރީނިއޯ ދުރުވުމުގެ ވިސްނުމެއް ގެންގުޅެމުން ދާކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ހަބަރުތަކަށް ރައްދު ދެމުން މޮރީނިއޯ ބުނެފައި ވަނީ، ކޯޗިން ކެރިއަރަކީ އޭނަގެ ހަޔާތުގައި ކުރެވުނު ޒިންމާދާރު މަސައްކަތަކަށް ވީއިރު، ކޯޗިން ކެރިއަރުގައި އަދިވެސް ހުރުމަކީ އޭނާއަށް ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލަން ބޭނުން ނުވާކަމަށާއި އެހެންކަމުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެއްޖެ ނަމަ، ދެން ފެނުން އެންމެ ގާތީ ޗެލްސީން ކަމަށް މޮރީނިއޯ ބުންޏެވެ.
"ރެއާލްގެ ކޯޗްކަމުން ވަކިވެއްޖެ ނަމަ ދެން ފެނުން އެންމެ ގާތީ ޗެލްސީ. ޗެލްސީއަކީ އަހަރެން ކުރިން ވެސް ކޯޗް ކޮށްދިން ޓީމެއް. ކޯޗް ކޮށްދިނުމުގައި އަދިވެސް ހުންނަން ބޭނުން" މޮރީނިއޯ ބުންޏެވެ.
ޕޯޗުގަލްއަށް އުފަން ކޯޗް ބުނީ، ޗެލްސީއަށް ދާން އުޅޭކަމަށް ތަފާތު ގޮތްގޮތުން މީޑިއާގައި އަޑުތައް ފެތުރިފައި ވަނީ ޗެލްސީގެ މެނޭޖްމަންޓާއި އޭނައާ ދާދިފަހުން ބައްދަލުކުރުމުން ކަމަށެވެ. އެހެންނަމަވެސް އެބައްދަލުވުމަކީ ޗެލްސީއަށް ދިއުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.
" ޗެލްސީ އަށް އެނބުރި ދިއުމުގެ ފުރުސަތު އެބައޮތް. އަހަރެންނާ ޗެލްސީގެ އިސްވެރިންނާ އޮންނަނީ ވަރަށް ގާތް ގުޅުމެއް. އަބަދުވެސް ޗެލްސީގެ އިސްވެރިންނާ އަހަރެންނާ ބައްދަލުވެ އެކިއެކި ކަންކަމާ މަޝްވަރާ ކުރެވޭ" މޮރީނިއޯ ބުންޏެވެ.
ކުރިން އިންޓަ މިލާނަށާއި ޕޯޓޯއަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ، އިނގިރޭސި ފުޓްބޯޅަ ކުލަބަކަށް ކޯޗްކޮށްދެން ދާން އަބަދުވެސް ވިސްނަމުން އަންނަ ކަމަށާއި އެކަން އެ ގޮތަށް ވެއްޖެ ނަމަ ކުރިއަށް އޮތް ސީޒަނުގައި އިނގިރޭސި ކުލަބަކުން ފެނުން ވަރަށް ގާތް ކަމަށެވެ.