24 Mar 2013, 10:40
ހިތުގެ މައްސަލަތައް ހުންނާތީ ޓައިނީ ހާޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކުދިން ޑޮކްޓަރުންނަށް ދައްކައިދިނުމުގެ ޕްރޮގްރާމެއް ރާއްޖޭގެ އެޖަމިއްޔާއިން ފަށައިފި އެވެ.
ޓައިނީ ހާޓްސް އިން ބުނީ "ކެއާ ފޯ ޓައިނީ ހާޓްސް 2013"ގެ ނަމުގައި މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ހާއްސަ އިންޑިއާގެ ދެ ޑޮކްޓަރުންނާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހިތުގެ ޑޮކްޓަރަކާއި ފުއްޕާމޭގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުޑަކުދިން ޑޮކްޓަރަށް ދެއްކުމުގެ ޕްރޮގްރާމްގެ އިތުރުން، ބަނޑުގައި އޮންނަ އިރު ކުދިންގެ ހިތުގެ ހާލަތު ބެލުމަށް ކުރާ ކަމެއް ކަމަށްވާ "ފީޓަލް އެކޯ"ގެ ހާއްސަ ވޯކްޝޮޕެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ޓައިނީ ހާޓްސް އިން ބުންޏެވެ.
އެވޯކްޝޮޕްގެ ބޭނުމަކީ ބަނޑުގައި އޮއްވައި އެފަދަ މައްސަލައެއް (ހިތުގެ މައްސަލައެއް) ދެނެގަނެވިއްޖެ ނަމަ އަވަސް ފަރުވާ ދިނުމުގެ މުހިއްމުކަމުގެ ހޭލުންތެރިކަން އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. އެ ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ރޭޑިއޮލޮޖިސްޓުންނަށެވެ.
އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް އެހީތެރިވުމަށް 2009 ވަނަ އަހަރު އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޓައިނީ ހާޓްސްގައި މިހާރު 300 ވަރަކަށް ކުދިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. ހިތުގެ ބަލި ހުންނަ ކުދިންނަށް އެހީތެރިވުމާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އެ ޖަމިއްޔާ އިން ވަނީ ހިންގާފަ އެވެ. އެގޮތުން "ކެއާ ފޯ ޓައިނީ ހާޓްސް" ޕްރޮގްރާމް ހިންގާތާ މިހާރު ފަސް އަހަރު ވެއްޖެކަމަށާއި އެޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު 100 އަށް ވުރެ ގިނަ ކުދިން ޑޮކްޓަރަށް ދައްކާ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.