24 Mar 2013, 10:32
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ކިޔަވަމުންދާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ވިލުރީފް ރިސޯޓަށާއި ސަން އިންވެސްޓްމަންޓް އިން ހިންގާ ދ. އުއްދޫ އަށް ޒިޔާރަތްކޮށްފި އެވެ.
ވިލުރީފް ރިސޯޓްގެ މީޑިއާ ކޯޑިނޭޓާ މުހައްމަދު ނަސީރު ސަން އޮންލައިނަށް ވިދާޅުވީ އިއްޔެ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކުރި އެ ދަތުރަކީ އެ ސްކޫލުގެ އެދުމުގެ މަތިން އެ ކުންފުނީގެ ފަރާތުން ހަމަޖައްސައިދިން ދަތުރެއް ކަމަށާއި އެ ދަތުރުގައި ބައިވެރިވި ކުދިން އެ ރިސޯޓަށައި އެރިސޯޓްގެ އެގްރިކަލްޗާ ރަށް ކަމުގައިވާ ދ. އުއްދޫއަށް ޒިޔާރަތްކޮށް އެކުދިން ބޭނުންވާ މައުލޫމާތްތައް ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ކުދިން މިދާއިރާ އަށް ލޯބި ޖެއްސުން. އެގޮތުން ޓުރިޕްގައި ބައިވެރިވި ކުދިން ބޭނުންވާނެ ހުރިހާ މައުލޫމާތެއް އަޅުގަނޑުމެން ވާނެ ހިއްސާކޮށްފައި،" ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ އެ ދަތުރުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ 17 ދަރިވަރުންނާއި އަށް ޓީޗަރުނާއި ހަތަރު ބެލެނިވެރިން ބައިވެރިވި ކަމަށާއި އެދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސާފައި ވަނީ ވިލުރީފް މެނޭޖްމަންޓުން ކަމަށެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އުއްދޫ އަށާއި ވިލުރީފްއަށް ޒިޔާރަތްކޮށްފައިވާ އިރު ފ. ބިލެތްދޫ ސްކޫލުގެ ދަރިވަރުން ވެސް ވަނީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިދިޔަ ހަފްތާގެ ތެރޭގައި ދަތުރުކޮށްފަ އެވެ.