އުތުރު އެފްރިކާގައި ހަރަކާތްތެރި ވާ އަލް-ގައިދާގެ އެންމެ އިސް ކޮމާންޑަރު އަބްދުލްހާމިދު އަބޫ ޒައިދު މަރާލާފައި ވާ ކަން ފަރަންސޭސިވިލާތުން ކަށަވަރުކޮށްދީފި އެވެ.

ފަރަންސޭސިވިލާތުގެ އަސްކަރިއްޔާ އިން ބުނީ މިދިޔަ މަހުގެ ތެރޭގައި މާލީގައި ހިންގި އޮޕަރޭޝަންތަކުގައި އަބޫ ޒައިދު މަރާލާފައިވާ ކަމަށެވެ.

އެތައް ހަފުތާއެއް ވަންދެން ގިނަ ފަރާތްތަކަކުން ވަނީ އަބޫ ޒައިދުގެ އެއްވެސް ހަބަރެއް ވެފައި ނުވުމުން، އޭނާ މަރާލާފައިވާ ކަމަށް އަޑުފަތުރައިފަ އެވެ. އެހެން ނަމަވެސް، އަލް-ގައިދާއާ ގުޅުން ހުރި އެންމެ ހަރުކަށި އެއް ޖަމާއަތް ކަމަށްވާ އިސްލާމިކް މަގުރިބް (އޭކިޔުއައިއެމް)ގެ ކޮމާންޑަރު އަބޫ ޒައިދުގެ މަރު ކަށަވަރުކޮށްދިނުމަށް މިހާތަނަށް ފަރަންސޭސިވިލާތުން ވަނީ ދެކޮޅު ހަދާފަ އެވެ.

އަބޫ ޒައިދު މަރާލެވިފައިވާ ކަން އިއުލާންކުރައްވަމުން ފަރަންސޭސިވިލާތުގެ ރައީސް ފްޣޮންސްވާ އޮލާންޑް ވިދާޅުވީ އިސްލާމިކް މަގުރިބުގެ ނަމުގައި މަސައްކަތްކުރާ ހަރުކަށި ޖަމާއަތުގެ އެންމެ އިސް ކޮމާންޑަރު މަރާލެވުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގާ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަބޫ ޒައިދު މަރާލާފައިވާ ކަމުގެ ރިޕޯޓުތައް އެންމެ ފުރަތަމަ ކޮށްފައި ވަނީ، އަލްޖަޒާއިރުގެ ޓީވީތަކުންނެވެ. އޭގެ ފަހުން ޗާޑުގެ ރައީސް އިދުރީސް ޑެބީ ވެސް ވަނީ އަބޫ ޒައިދު މަރާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އިދުރީސް ޑެބީ ވިދާޅުވީ ފަރަންސޭސި އަސްކަރިއްޔާގެ ދަށުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަބޫ ޒައިދު މަރާލާފައި ވަނީ ޗާޑުގެ ފައުޖަކުން ކަމަށެވެ.

ނަމަވެސް އޭރު ފަރަންސޭސިވިލާތުން އަބޫ ޒައިދުގެ މަރު ކަށަވަރުކޮށް ދިނުމަށް އުޒުރުވެރިވަމުން ބުނެފައި ވަނީ އަބޫ ޒައިދު މަރުވެފައި ވުމަކީ ގާތް ކަމެއް ކަމަށެވެ.

އަބޫ ޒައިދަކީ ބޭރު މީހުން ރަހީނުކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަލް-ގައިދާއަށް ހޯދާދިނުމުގައި އިސް ރޯލެއް ކުޅެފައިވާ ފަރާތެކެވެ. މިގޮތުން 2009ގައި މަރާލެވުނު އިނގިރޭސި ޓޫރިސްޓް އަދި 2010ގައި މަރާލެވުނު ފަރަންސޭސި އެއިޑް ވޯކާ މަރާލުމުގައި އަބޫ ޒައިދު ކޮމާންޑަރުކަން ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.