24 Mar 2013, 09:37
އަލްޖަޒާއިރު (މާޗް 24): އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީގެ ޢާއިލާ އަލްޖަޒާއިރުގައި ޙިމާޔަތް ހޯއްދަވައިގެން ތިއްބެވުމަށް ފަހު އެ ގައުމުން ފުރާވަޑައިގެންފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިކަން ހާމަކުރައްވަމުން ލީބިޔާގައި ހުންނަވާ އަލްޖަޒާއިރުގެ ސަފީރު ޢަބްދުލްޙަމީދު އަބޫ ޒާހިރު ވިދާޅުވީ އެގައުމުގައި ޙިމާޔަތް ހޯއްދަވައިގެން ތިއްބެވި ގައްޒާފީގެ ތިން ބޭފުޅުންނާއި ގައްޒާފީގެ ހުވަފަތް އަނބިކަނބަލުން އެގައުމު ދޫކޮށް އެހެން ގައުމަކަށް ވަޑައިގެންފައިވާ ކަމުގަ އެވެ. ނަމަވެސް އެ ބޭފުޅުން ވަޑައިގެންނެވި ގައުމެއް އަބޫޒާހިރު ހާމަކުރައްވާފައެއް ނުވެ އެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިން 2011 ވަނަ އަހަރުގެ އޮގަސްޓް މަހު ވެރިރަށް ޓްރިޕޮލީ އަށް ވެދެގަތުމުން ގައްޒާފީގެ ދަރިންގެ ތެރޭގައި ހިމެނޭ ތިންބޭފުޅެއް ކަމަށްވާ މުޙައްމަދު، ޢާއިޝާ އަދި ހާނީބާލް އާއި އެތިން ބޭފުޅުންގެ ދަރިންނާއި ގައްޒާފީގެ އަނބިކަނބަލުން ސަފިއްޔާ ވަނީ އަވަށްޓެރި އަލްޖަޒާއިރަށް ވަޑައިގެން ޙިމާޔަތް ހޯއްދަވާފަ އެވެ. ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިން ވަނީ އޭނާގެ އިތުރު ތިން ބޭފުޅަކު އަވަހާރަކޮށްލާފަ އެވެ. އެއީ މުޢްތަސިމް އާއި ސައިފުލްޢަރަބް އާއި ޚަމީސް އެވެ.
ގައްޒާފީގެ ދެންތިބި ބޭފުޅުންގެ ތެރެއިން އައްސާޢީދީ ވަނީ އަވަށްޓެރި ނައިޖަރުން ޙިމާޔަތް ހޯއްދަވާފަ އެވެ. އަދި ސައިފުލްއިސްލާމް ވަނީ ލީބިޔާގެ މިހާރުގެ ސަރުކާރުގެ އަތްދަށުގައި ހައްޔަރުކޮށްފަ އެވެ. (އަލްޖަޒީރާ)