އިސްލާމް އާބާދު (މާޗް 24): ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފް، ގައުމަށް ވަޑައިގެންފި ނަމަ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން ދީފި އެވެ.
ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ އަޙްސަނުﷲ އިޙްސާން ވިދާޅުވީ މުޝައްރަފަކީ "މަރުގެ އަދަބު ދޭންޖެހޭ ވަރުގެ ބޮޑެތި ޖަރީމާތަކެއް" ހިންގަވާފައިވާ ބޭފުޅެއް ކަމަށާއި އޭނާ އަވަހާރަކޮށްލުމަށް ޓަކައި އަމިއްލައަށް މަރުވެގެން ޙަމަލާދޭ ޖަމާއަތެއް އުފައްދައި އެމީހުންނަށް ޚާއްސަ ތަމްރީންތަކެއް ދީފައިވާކަމުގަ އެވެ. އަމިއްލައަށް މަރުވެގެން މުޝައްރަފް އަވަހާރަކޮށްލުމަށް އުފައްދާފައިވާ ޖަމާއަތުގެ މީހުންނަށް ތަމްރީންދީ އެކަމަށް އެމީހުން ތައްޔާރުކޮށްފައި ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތެރޭގައި ކުރިން ޚިދްމަތް ކޮށްފައިވާ ތަޖްރިބާކާރު ޖެނެރަލް އެއްކަމަށްވާ ޢަދްނާން ރަޝީދު ކަމަށް ވެސް ތާލިބާނުންގެ ތަރްޖަމާން ވިދާޅުވި އެވެ. ޢަދްނާން ރަޝީދަކީ ސިފައިންގެ ކޮމާންޑޯސްގެ ތެރޭގައި ޚިދްމަތް ކުރެއްވި ދުވަސްވަރު މުޝައްރަފް އަވަހާރަކޮށްލުމަށް މަސައްކަތް ކުރައްވާފައިވާ ޖެނެރަލް އެކެވެ.

ތާލިބާނުން ހާމަކޮށްފައިވާ ވީޑިޔޯއެއްގައި ޖެނެރަލް ޢަދްނާން ރަޝީދު ބުނީ "މުޝައްރަފަށް މަރުގެ އަދަބުދީ އޭނާ "ނަރަކައަށް" ފޮނުވާލުމަށް ޓަކައި އަމިއްލައަށް މަރުވެގެން ޙަމަލާދޭ މީހުންނާއި ފިލައިތިބެގެން ބަޑިން ޙަމަލާދޭ ސްނައިޕަރުންނާއި މަގުމަތީގައި ހަނގުރާމަކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ހިމެނޭ ބާރުގަދަ ލަޝްކަރެއް ތައްޔާރުކޮށްފައިވާނެ ކަމަށާއި އެ ލަޝްކަރު އޮތީ މުޝައްރަފްގެ އިންތިޒާރުގައި" ކަމުގަ އެވެ.

ޖެނެރަލް މުޝައްރަފް ވަނީ ތާލިބާނުންގެ ހަރުކަށި އިންޒާރުތަކަށް ބެއްލެވުމެއްނެތި މިއަދު ޕާކިސްތާނަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށް ދެއްވާފަ އެވެ. ތާލިބާނުންގެ އިންޒާރާ ގުޅިގެން މުޝައްރަފް ވިދާޅުވީ ތާލިބާނުންނަކީ އިސްލާމްދީނާ ގުޅުމެއްއޮތް ބައެއް ނޫންކަމަށާއި އެއީ ކުށެއްނެތް އެތައް ބަޔެއްގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގަ އެވެ. ތާލިބާނުންގެ އިންޒާރާ ގުޅިގެން އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވެއްޓުނު ނަމަވެސް މިއަދު ޕާކިސްތާނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި މިއީ ގައުމަށް ޓަކައި ވެވަޑައިގަންނަވާ ވަޢްދެއް ކަމަށް ވެސް ދުބާއިގައި ހުންނަވައިގެން އިއްޔެ ދެއްވި ބަޔާނެއްގައި މުޝައްރަފް ވިދާޅުވި އެވެ.

މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަންނަވަނީ މިއަންނަ މޭމަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް ޓަކައި ކޭންޕޭން ކުރެއްވުމަށެވެ. ރިޕޯޓްތައް ބުނާގޮތުން މުޝައްރަފް ވެސް ވަނީ އޭނާ ސަލާމަތަށްޓަކައި ޕާކިސްތާން ސިފައިންގެ ކޮމާންޑޯސް އިންގެ ތެރޭގައި ކުރިން ޚިދްމަތްކޮށްފައިވާ އޭނާ އަށް ވަފާތެރި އެތައް ބަޔަކު ހިމެނޭ ބާރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވާފަ އެވެ. އެލަޝްކަރު އޮތީ މުޝައްރަފަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާ އެލަޝްކަރު ކޮމާންޑް ކުރަނީ މުޝައްރަފަށް ވަފާތެރި ޕާކިސްތާން ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވެސް ޚަބަރު ލިބެ އެވެ. މީގެއިތުރުން މުޝައްރަފަށް ޙިމާޔަތް ދިނުމަށްއެދި ޕާކިސްތާން ސަރުކާރަށް ވެސް ހުށަހަޅުއްވާނެކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރުގެ ޑިސެމްބަރުމަހު އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤް ތަކަށް މުޝައްރަފް ހައްޔަރު ކުރުމުގެ އަމުރެއް ވެސް ޕާކިސްތާނުގެ ކޯޓަކުން ނެރެފައިވެ އެވެ. އެހެންކަމުން ޕާކިސްތާނަށް މުޝައްރަފް ވަޑައިގަންނަވާއިރަށް ޕާކިސްތާން ފުލުހުން އޭނާ ހައްޔަރުކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ޖެނަރަލް ޕަރުވޭޒް މުޝައްރަފް ޕާކިސްތާނުގެ ވެރިކަމަށް އިސްވެ ވަޑައިގެންނެވީ 1999 ވަނަ އަހަރު އޭރުގެ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ވެރިކަން ވައްޓާލައި ގެންނެވި ލޭއޮހޮރުވުމެއްނެތް ޢަސްކަރީ އިންޤިލާބެއްގަ އެވެ. އެއަށް ފަހު ރައްޔިތުންގެ ފިއްތުންތަކާ ގުޅިގެން މަޖްބޫރީ ޙާލަތުގައި މުޝައްރަފް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ތާލިބާނުން މުޝައްރަފް ދެކެ ރުޅިއައިސްފައި ވަނީ ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އިޢްލާންކުރި ހަނގުރާމައިގާ ޕާކިސްތާން ބައިވެރިކޮށް ޕާކިސްތާނުގެ ރައްޔިތުންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމާ ގުޅިގެންނެވެ.

އެމެރިކާގެ ފިއްތުންތަކާ އެކު އެމެރިކާއާ ބައިވެރިވެެވަޑައިގެން މުޝައްރަފް ވަނީ ތާލިބާނުން ފަދަ އަލްޤާއިދާއާ ގުޅުންއޮތް ކަމަށް ބެލެވޭ ޕާކިސްތާނުގެ ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދީ އެޖަމާއަތްތަކުގެ އެތައް ސަތޭކަ ބަޔަކު މަރާލާފަ އެވެ. މިކަމުގެ ސަބަބުން ޕާކިސްތާން، ދިގުލީ އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި ލޭގެ ކޯރެއްގައި ޣަރަޤު ވެފައިވެ އެވެ. (ނޫސްއެޖެންސީތައް)