ރިއާސީ އިންތިހާބު އަރައި ބޯމަތި ވަނީ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާ އިރު ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް ފިޔަވައި ދެން ހުރި ޕާޓީއަކުން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ލީޑަރު ހަމަޖައްސައިފައެވެ. ޕީޕީއެމުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅޭނީ މިއަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހުއެވެ. އެ ޕާޓީގެ ޕްރައިމަރީ އަރައި ބޯމަތި ވެފައިވާ އިރު އެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން އާއި އެ ޕާޓީގެ ކުރީގެ ނައިބް ރައީސް އުމަރު ނަސީރެވެ. ކޮންމެ އިންތިހާބަކީ ވެސް ވާދަވެރިވާނެ އިންތިހާބެއް ކަމަށް ބެލެވޭ އިރު މިހާތަނަށް އެ ދެ ބޭފުޅުންގެ ކެމްޕެއިންތަކަށް ބަލާ އިރު އިންތިހާބީ ވާދަވެރިކަމަށް ވުރެ ޒާތީ ދިމާކުރުންތައް ފެންނަމުންދާލެއް އިތުރެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމަށް އަބްދުﷲ ޔާމީން އާއި އުމަރު ނަސީރުގެ ކެމްޕެއިން ފަށައިގެން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އިރު އެ ބޭފުޅުންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ނުވަތަ ކުރާނެ ކަންތައްތަކަށް ވުރެ އެއް ޓީމުން އަނެއް ޓީމުގެ ޒާތީ ކަންތައްތަކާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތައް ގިނަ އެވެ. ހާއްސަކޮށް އުމަރުގެ ޓީމު އުޅެނީ އެކަމުގައި ކުރީގަ އެވެ. އެއްބަޔަކު އަނެއް ބައެއްްގެ ބޮލުގައި އަޅުވަމުންދާ ތުހުމަތުތަކާއި ކިޔަމުންދާ ފާޑުކިޔުންތަކަށް ބަލާ އިރު ޕީޕީއެމް ތެރޭގައި މިހާރު ފެށިފައިވާ ހޫނު ބަހުސްތަކާއި ބަހުގެ ހަމަލާތަކުގެ ތެރެއިން ޒާތީ ނުވެ ނުވަތަ ޖަޒުބާތުގައި ނުޖެހި ދާނެ ހެނެއް ހިޔެއްނުވެ އެވެ.

އުމަރު ޓީމްގެ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވައިފި ނަމަ ޕީޕީއެމްގެ 30،000 މެމްބަރުން ރިޔާސީ އިންތިހާބުގައި ނުކުމެ ޔާމީން މިވެނި ކަމެއް ނުކުރެޔޭ އެވެނިކަމެއް ނުކުރެޔޭ ބުނެ އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ. އަދި އުމަރު ޓީމުގެ ބައެއް ބޭފުޅުންގެ ވާހަކަތަކުގައި ވެސް ވަނީ ޒާތީކަން އިސްކޮށް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. އެގޮތުން އުމަރު ނަސީރަށް ތާއީދު ކުރައްވާ ބޭފުޅުންގެ ވާހަކަފުޅުތަކުގައި ވަނީ ޔާމީން ރާއްޖެ އިން ބޭރުން އެތައް މިލިޔަން ޑޮލަރުގެ އަގު ހުރި ފްލެޓްތަކެއް ބައްލަވައިގެންފައިވާ ކަމަށާއި ޔާމީން އެމްޑީޕީއާ އެކު ޑީލެއް ހައްދަވައިގެން އުޅުއްވާ ވާހަކަ ފަދަ ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ. އަދި ހަމަ އެހެންމެ މިދިޔަ ހަފްތާގެ ތެރޭގައި އުމަރު ނަސީރުގެ ކާރުކޮޅުން ރާފުޅިއެއް ފެނިފައިވާ އިރު އެކަން ކުރީ ވެސް އުމަރު ނަސީރުއާ ވާދަވެރި ފަރާތްތަކުން ކަމަށް ބުނެ ތުހުމަތު ކުރެވުނު ތަން ފެނިގެން ދިޔަ އެވެ.

އުމަރު ޓީމުން ޔާމީނަށް ރައްދުތަކެއް ދީފައިވާ އިރު ޔާމީންގެ ޔަގީން ޓީމުން ވެސް ވަނީ އުމަރު ޓީމަށް ޒާތީ ރައްދުތަކެއް ދީފަ އެވެ. އެގޮތުން އުމަރު ނަސީރު ވެރިކަމަށް ކުރިމަތި ލެއްވުމުގެ ކުރިން ތަޖުރިބާ ހޯއްދެވުމުގެ ގޮތުން ސަރުކާރުގެ ވަޒީފާއެއް އަދާ ކުރެއްވުން ރަނގަޅު ވާނެ ކަމަށް ޔާމީން ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވެއެވެ. އަދި ހަމައެހެންމެ އުމަރު ނަސީރު އަކީ މަގުމަތީ މީހެއް ކަމަށް ރަމްޒުވާ ގޮތްގޮތަށާއި އުމަރު ޓީމުން އަމިއްލަ ފައިދާއަށް ޓަކައި ޒާތީ ވާހަކަތައް ދައްކަވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތައް ހިމެނެ އެވެ.

އުމަރާއި ޔާމީންގެ ވާދަވެރިކަން ބޮޑުވެ ޒާތީ ހަސަދަވެރިކަމަކާ ހިސާބަށް ގޮސްފައިވާ އިރު ޔާމީންގެ "ޔަގީން ޓީމް"ގައި އިސްކޮށް ހަރަކާތްތެރިވާ އަދި ޕީޕީއެމްގެ ޑެޕިއުޓީ ސްޕޯކްޕާސަން އިބްރާހިމް މުއާޒު ވިދާޅުވީ އުމަރު ޓީމްގެ ފަރާތްތަކުން ދައްކަމުންދާ ޒާތީ ވާހަކަތަކުގެ ސަބަބުން ޕީޕީއެމްގެ މީހެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމް މީހެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވޭ އުމަރު ޓީމް އިން ޔާމީނާ ގުޅޭ ގޮތުން ދައްކަވަމުންދާ ޒާތީ ވާހަކަތައް، އެގޮތުން ބުނާ ނަމަ މާފުނުކުރެވޭ ޒާތުގެ ވާހަކަތައް އުމަރު ޓީމުން ދަނީ ޔާމީނާ ގުޅޭގޮތުން ދައްކަވަމުން،" މުއާޒް ވިދާޅުވި އެވެ.

ޔާމީން ޓީމްގެ މުއާޒްގެ ވާހަކަ އެގޮތަށް ހުރި އިރު އުމަރުގެ ކެމްޕޭން މެނޭޖަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އެ ޓީމްގެ ވާހަކަތަކުގައި ޒާތީ ނުވާ ކަމަށާއި އެއާ ހިލާފަށް ޔާމީން ޓީމްގެ މެމްބަރުންގެ ވާހަކަފުޅުގައި އުމަރު ނަސީރު "އައިނު" އަޅުއްވާތީ ދިމާކުރުމާއި އަދި "އުމަރު ނަސީރު ރާމާމަކުނެއް ސިފައިގައި" ސިފަކޮށް ވާހަކަތައް ދައްކާފައިވާ ކަމަށެވެ.

ޕީޕީއެމް ތެރޭގައި މިހާރު ފެށިފައިވާ ހޫނު ބަހުސްތަކާއި ބަހުގެ ހަމަލާތަކުގެ ތެރެއިން ޒާތީ ނުވެ ނުވަތަ ޖަޒުބާތުގައި ނުޖެހި ދާނެ ހެނެއް ހިޔެއް ނުވެ އެވެ. ކޮންމެ ބޭފުޅަކީ އެންމެ ގާބިލު ބޭފުޅާ ދެއްކުމުގެ ގޮތުން، އަނެއް ކެންޑިޑޭޓަކީ މަގާމު ހައްގު މީހެއް ނޫން ކަން ދެއްކުމަށް ހިންގާ ހަރަކާތްތަކުން މިއަދު އެކަން ހާމަވާން ފަށައިފި އެވެ. ރިޔާސީ އިންތިހާބު މިހާ ކައިރި ވެފައި އޮއްވައި ޕީޕީއެމް ތެރޭގައި އުފެދިފައިވާ ހޫނު ހަމަލާތައް "ފަޅައިގެން" ގޮސްފި ނަމަ ހަމަގައިމު ވެސް އެއީ އެ ޕާޓީއަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެގޮތުން ބަލާ ނަމަ ވާދަވެރި ސިޔާސީ ފަރާތްތަކުން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ އިރު ޕީޕީއެމްގެ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ދެ ބައިވެއްޖެ ނަމަ އެ ޕާޓީއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިގެނެއް ނުދާނެ އެވެ. އޭރުން އެ ޕާޓީ މަސައްކަތް ކުރަން ޖެހޭނީ ޕާޓީގެ މައްސަލަތައް ހައްލުކުރުމަށެވެ. އެހެންވެއްޖެ ނަމަ ޕީޕީއެމްއަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ނުވެދާނެ ކަމެކެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވީ އެ ބޭފުޅާގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުއްވާނެ ކަމަށެވެ. އަދި ޕީޕީއެމް ބައިބައިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އުމަރު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖެ އަމާންކަން މަތީ އޮންނާނެ ކަމަށެވެ. އަދި ހަމަ ޕީޕީއެމް ބައިބައިވުމުގެ ފުރުސަތު ޕީޕީއެމް އުފައްދަން މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ނުދޭނެ ކަމަށް އުމަރު ވެސް ވިދާޅުވި އެވެ.

ޔާމީނާއި އުމަރުގެ ތެރެއިން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ބޭފުޅަކު އެނގޭނީ މިއަންނަ ހޮނިހިރު ދުވަހު އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރާނެ ފަރާތެއް ބުނަން އަދި ދައްޗެވެ. ސަބަބަކަށް ވެފައި ވަނީ އެ ދެ ބޭފުޅުންގެ ފަހަތުގައި ވެސް ގިނަ ބަޔަކު ތިބީމައެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ޔާމީނަށް ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. ސަބަބަކީ ޕީޕީއެމް އަކީ "ރައީސް މައުމޫން" ކަމަށް ވާ އިރު ޔާމީންއަކީ ރައީސް މައުމޫންގެ ކޮއްކޯފުޅުކަމުންނެވެ. ޔާމީން ވިދާޅުވާ ގޮތަށް ނަމަ އޭނާ އަކީ ރައީސް މައުމޫންގެ "މުޑުވަކުން" އައިސްފައިވާ މީހަކަށްވުމެވެ. އަދި މައުމޫންގެ ބޭފުޅުން ވެސް ޔާމީންގެ ޓީމާ އެކު ފެނުމެވެ. ނަމަވެސް އުމަރު ނަސީރަށް އޮތް ފުރުސަތު ވެސް ކުޑައެއް ނޫނެވެ. ސަބަބަކީ އުމަރު ނަސީރު ފަހަތުގައި ވެސް އިލްޔާސް އިބްރާހިމް ފަދަ ބޭފުޅުންނާ އެކު ގިނަ އަދަދެއްގެ ބަޔަކު ތިބުމެވެ.

ހޫނު ބަހުސްތަކާއި ފޯރީގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ކެމްޕެއިންތައް އެ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުން ކުރަމުންދާ އިރު ޒާތީ ވާހަކަތައް ގިނަވުމުގެ ސަބަބުން އެ އިންތިހާބުގައި ޕީޕީއެމްގެ ތެރެއަށް ލޮޅުމެއް އަޅާނެ ކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން ވެސް މައިގަނޑު ސަބަބަކީ ޒާތީ ވާހަކަތަކުގެ ސަބަބުން އުފެދިފައިވާ ނުރުހުންތަކެވެ. ހަމަ އެއާ އެކު މަދު އަހަރުތަކެއްވެފައިވާ ރާއްޖޭގެ ޑިމޮކުރަސީގެ ތާރީހަށް ބަލާއިރު ވެސް މިކަން ފެންނަން އޮތީ އެ ގޮތަށެވެ.