ފިޝަރީޒް ސައިންސް ދަތުރެއްގައި ގއ. އަތޮޅަށް ދިޔަ އައްޑޫގެ ދަރިވަރުންތަކެއް ކަނޑުމަތީގައި ފިޓް ޖެހި ހާލު ދެރަވުމުން ސިފައިންނާއި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގއ. ކޮލަމާފުށްޓާއި ކޫއްޑުއަށް ޕިޝަރީޒް ސައިންސް ދަތުރުގައި ދިޔަ އައްޑޫގެ ސްކޫލް ކުދީންތަކެއް ދަތުރު ނިންމައިފައި އެނބުރި އައްޑޫއަށް ދިޔައިރު ކަނޑުމަތީގައި ހާލު ދެރަވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ގޮސް މިރޭ 10:10 ހާއިރު އެ ކުދީން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާ އެކު ހާލުގައި ޖެހުނު 12 ކުއްޖަކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު އެ ކުދީން ދަތުރު ކުރި ބޯޓުން އިތުރު ތިން ކުއްޖަކު އެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ 15 ކުދީންގެ ތެރެއިން ތިން ކުއްޖަކު އެޑްމިޓް ނުކޮށް ޑޮކްޓަރު ބެއްލެވުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ނުވަ ކުއްޖަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާއިރު ފޭދޫ ސިއްހީ މަޒުކަޒުގައި ތިން ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުދިން ހާލު ދެރަވީ ބޯޓު ތެރޭގައި ހޮޑުލެވި ވަރުބަލި ވުމުން ކަމަށާއި އެޑްމިޓް ކުރި އިރު ވެސް އެކުދިން ތިބީ ސީރިއަސް ހާލަތުގައި ނޫންކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ. އަދި ފަރުވާދެވެމުން އަންނަ ކުދީންގެ ހާލު ކުރިއަށް ވުރެ ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.