24 Mar 2013, 00:41
ކުޅިވަރާއި މަޖަލުގެ ތެރޭ ކޮންމެ ފަހަރަކު ރާއްޖޭގައި ފާހަގަ ކުރާ "އާތު އަވާ"ގައި މި ފަހަރު ނަތީޖާ ރަނގަޅެއް ނުވި އެވެ. ކަރަންޓު ބޭނުން ކުރާ މިންވަރު ދަށެއް ނުކުރެވުނެވެ. ދިއްލުންތައް މަދެއް ނުކުރެވުނެވެ. ނަމަވެސް ލޮލަށް ފެނުނީ އަލިތައް ކަނިވެފައި ވާ ތަނެވެ. މި ފަހަރު އާތު އަވާގައި މާލޭގެ މޫނުމަތި ނިއްވައިލެވުނެވެ. ބޮޑުތަކުރުފާނުމަގު އަނދިރީ ތެރޭގައި އޮތް އިރު، މާލޭގެ ދިއްލާފައިވާ ބައްތިތައް ވެސް ނިއްވައިލައި ކުދިބޮޑު އެންމެން އާއިލާއާ އެކު ގަޑިއެއް ހާ އިރު މަގުތަކުގައި ހޭދަކޮށްލި އެވެ. ނަމަވެސްސްޓެލްކޯގެ ތަފާސް ހިސާބުތައްދައްކާ ގޮތުން މާލޭގެ ފަސް އަވަށުން ކަރަންޓް ބޭނުން ކުރި މިންވަރު މަދުވެގެނެއް ނުދިޔަ އެވެ.
މީގެ ތިން އަހަރު ކުރިން ފާހަގަ ކުރަން ފެށި "އާތު އަވާ"ގައި މިފަހަރު މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ހަކަތަ ބޭނުންކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް ވަނީ މަތިވެފަ އެވެ. އެގޮތުން ނިސްބަތުން ހަކަތަ ބޭނުން ކުރެވުނު މިންވަރު އެންމެ ދަށްކުރެވިފައި ވަނީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ޖައްވަށް ދޫވި ކާބަން ޑައިއޮކްސައިޑުގެ މިންވަރު 2952 ކިލޯގްރާމް އަށް ދަށްކުރެވުނު އިރު ތެލުގެ ހަރަދުވަނީ 1330 ލީޓަރު މަދު ކުރެވިފަ އެވެ. އަދި ހަކަތައިގެ ލޯޑު ވަނީ 4920 ކިލޯވޮޓަށް ދަށް ކުރެވިފަ އެވެ. ދެވަނައަށް އެންމެ ބޮޑަށް ހަކަތަ ބޭނުން ކުރެވުނު މިންވަރު ދަށް ކުރެވިފައި ވަނީ ނިމިދިޔަ އަހަރު އެވެ. އެގޮތުން ހުސްވި އަހަރު ކާބަން ޑައިއޮކްސައިޑް 2400 ކިލޯގްރާމް އަށް ދަށް ކުރެވުނު އިރު ތެލުގެ ހަރަދުވަނީ 1039 ލީޓަރު މަދު ކުރެވިފަ އެވެ. އަދި ހަކަތައިގެ ލޯޑުވަނީ 4000 ކިލޯވޮޓަށް ދަށް ކުރެވިފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އާތު އަވާ ފާހަގަކުރަން ފެށި 2010 ވަނަ އަހަރު ކާބަން ޑައިއޮކްސައިޑް 1217ކިލޯގްރާމް އަށް ދަށްކުރެވުނު އިރު ތެލުގެ ހަރަދުވަނީ 548 ލީޓަރު މަދު ކުރެވިފަ އެވެ. އަދި އެފަހަރު ހަކަތައިގެ ލޯޑުވަނީ 2028 ކިލޯވޮޓަށް ދަށްކުރެވިފަ އެވެ. އެހެން ނަމަވެސް ހީކުރިގޮތާ މުޅިން ހިލާފަށް މިއަހަރު ކާބަން ޑައިއޮކްސައިޑްގެ މިންވަރު ދަށް ކުރެވުނީ 966 ކިލޯގްރާމް އަށެވެ. ތެލުގެ ހަރަދު އެންމެ 418 ލީޓަރު މަދު ކުރެވުނު އިރު ހަކަތައިގެ ލޯޑު ދަށްވެފައި ވަނީ 1610 ކިލޯވޮޓް އަށެވެ.
މިފަހަރު "އާތު އަވާ" އިން ނެރެން ބޭނުންވި ނަތީޖާއަކީ މިޔެއް ނޫނެވެ. ސަބަބަކީ މާލޭ މަލަމަތިން އަލިތައް ކަނިވިޔަސް ގޭބީސީތަކުގެ އައްޔެއް ކަންޏެއް ނުވެއެވެ. އަދި ބޭނުން ކުރި ކަރަންޓުގެ ކަރަދު ކުޑައެއް ވެސް ނުވި އެވެ. ނަމަވެސް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މީޑިއާތަކުން މަސައްކަތް ފެށީ މީގެ ތިން ދުވަސް ކުރިންނެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ކުޑަ ދުވަސްކޮޅަށް ވެފައި ވަނިކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ލަސްވުމުން ނުކުތް ނަތީޖާއަކަށް ވެސް ވެދާނެ އެވެ.
"އާތު އަވާ" ފާހަގަ ކުރުމަށް މި އަހަރު ވެސް ސަރުކާރުން ސަމާލުކަން ދިނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައްތިތައް ނިއްވާލުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހައްމަދު ވަހީދުއްދީން ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ރައްޔިތުންނާއި ސަރުކާރާ އެކުގައި އެއްބާރުލުން ދީގެން މުޅި ދުނިޔޭގައި ފާހަގަކުރާ އާތު އަވާ ރާއްޖޭގައި ވެސް އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރުމަށެވެ.
"މިއަދު އަޅުގަނޑުމެން މިކުރާ ކަމަކީ ދެން އަންނަން އޮތް ޖީލަކަށް އަޅުގަނޑުމެންގެ ހަކަތަ، ދެން އަންނަން އޮތް ޖީލެއްގެ ދަރިންނަށް ރައްކާތެރި ކުރުމަށްޓަކައި އަޅުގަނޑުމެން އަޅާ ފިޔަވަޅު ތަކެއް އަޅުގަނޑުމެން މިއަދު އަޅަމުން މިގެންދަނީ. މިކަމުގައި މުޅި ގައުމު، އެއްބާރުލައި މުޅި ގައުމުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. އަދި ސަރުކާރުން އަޅުގަނޑުމެން މިކަމުގައި ވަރަށް ފުރިހަމައަށް އެއްބާރުލުންދީ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،"
ސަރުކާރުގެ އެކިއެކިދާއިރާ ތަކާއި އަމިއްލަ ޖަމާއަތްތަކާއި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން ދިވެހި ފުލުހުންނާއި އަދިވެސް ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން އާތު އަވާއަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ވެހިކަލްތައް ދުއްވިލެއް މިފަހަރު މަދޭ ބުނެވިދާނެ އެވެ. ސަބަބަކީ ފުލުހުން މަގު މައްޗަށް ނުކުމެ، ހުޝިޔާރުވެ، ވެހިކަލްތަކަށް ފާރަވެރިވެ ތިބި ވަރުންނެވެ. ދުއްވުންތައް މަދުވެ، އަޑުތަކުން ހިމޭކަން ލިބުނަސް ނެރެން ބޭނުންވި ނަތީޖާއަކީ މިޔެއް ނޫނެވެ. ނަމަވެސް ލިބުނު ހިންހަމަޖެހުމެއް އެބައޮތެވެ.
ކަރަންޓުގެ ހަކަތަ މަދުނުކުރެވުނަސް އާއިލީ މަޖަލާއި ހިތްހަމަޖެހުމުގެ ތެރޭގައި ކުދިބޮޑު ގިނަ ބަޔަކު ހަކަތަ ހުސްކޮށްފި އެވެ. އެއީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.