ޕާކިސްތާނުގައި ދިރިއުޅޭ ތާލިބާނުންގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.


އަލްޖަޒީރާ އިން ބުނި ގޮތުގައި ޤާރީ ހަސަން ކިޔާ މި މީހާ މަރާލާފައި ވަނީ އެމެރިކާ އިން ދިން މިސައިލު ހަމަލާއެއްގައި މި މަހު ކުރީކޮޅު އެވެ.


އަލްޖަޒީރާ އިން ބުނި ގޮތުގައި، އެެމެެރިކާ އިން ތުހުމަތު ކުރަނީ، ޤާރީ ހަސަނަކީ ޖާނުން ފިދާވާ މީހުންގެ ޖެކެޓް ތައްޔާރު ކުރުމާއި އެފަދަ ހަމަލާތަކަށް މީހުން ތަމްރީނު ކުރުމުގެ މާހިރެއްގެ ގޮތުގަ އެވެ.


އަފްޤާނިންތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިންގާ ސިއްރު އޮޕަރޭޝަންތަކުގައި އެމެރިކާ އިން ތަފާތު އެތައް ހަމަލާތަކެއް ދީފައިވެ އެވެ. ނަމަވެސް އެމެރިކާ އިން މިފަދަ ހަމަލާތަކާ ހަވާލުވަނީ ވަރަށްވެސް މަދު ފަހަރަކު އެވެ.


ވަޒަރިސްތާނުގެ އުތުރަށް އޮންނަ މިރް އަލީ ޑިސްޓްރިކްޓަށް އެ މެރިކާ އިން ދިން ހަމަލާގައި ހަތަރު މީހަކު މަރާލާފައި ވާކަމަށް ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލަކު ވަނީ ބުނެފައި އެވެ. އަދި ހަމަ އެ ދުވަހު ހެނދުނު ދިން ހަމަލާއެއްގައި އިތުރު ތިން މީހަކު މަރާލާފައި ވާކަމަށް އޭނާ ބުނެ އެވެ.