23 Mar 2013, 22:19
މިއަހަރު ސަރުކާރުން ހިންގަން ހަމަޖައްސާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން 31 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ 31 ރަށެއްގައި ޑިޒައިން އެންޑް ބިޑް އުސޫލުން ސުވަރޭޗް ކަލެކްޝަން ނެޓްވޯކާއި ސުވަރޭޗް ޕަންޕިން ސުޓޭޝަނާއި ވޭސްޓްވޯޓާ ޓުރީޓްމަންޓް ޕުލާންޓް އަދި އެއާގުޅޭ މަސައްކަތް ކުރަން ބޭނުންވާ ދިވެހި ކުންފުނިތަކަށައި ބޭރުގެ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން އަންނަ ހޮނިހިރު ދުވަހުގެ ކުރިން ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އާއި 2:30 ދެމެދުގެ ވަގުތެއްގައި ފިނޭންސް މިނިސްޓްރީން ބީލަން ފޮތް ގަންނަން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައި ވެއެެވެ. ބީލަން ފޮތެއް ވިއްކަނީ 2500ރ. އަށެވެ.
އެޕުރޮޖެކްޓްތަކުގެ ޕުރީބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ 2:00ގައި ފިނޭންސް މިނިސްޓްރީގައި ކަމަށް ވެސް އެ އިއުލާންގައި ބުނެފައި ވެއެވެ. އަދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން މިއަހަރު ކުރާން ރާވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނުގެ ޚިދުމަތުގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ގާއިމްކުރުމުގެ މަސައްކަތް 15 ރަށެއްގައި ފަށާން ނިންމައިފައިވާ އިރު 47 ރަށެއްގައި ނަރުދަމާގެ މަސައްކަތް ފަށާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.