ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗުގައި ވިކްޓަރީ އަދި ނިއުރޭޑިއެންޓުގެ ކުރީގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހީމް ފަޒީލު (އޮއްޕޮ) ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ބީޖީ އިން ލީގުގައި އެ ކުލަބަށް ލިބުނު ފުރަތަމަ ތިން ޕޮއިންޓު ހޯދައިފި އެވެ.

މެޗު ފެށިގެން ފުރަތަމަ ފަސް މިނިޓު ތެރޭގައި ބީޖީއަށް ވަނީ މެޗުގެ ލީޑު ނަގާނޭ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނިޓުގައި ބީޖީގެ އަޝްހަދު ޢަލީ (އަޑުބަރޭ) އަށް ލިބުނު ރަނުގެ ފުރުސަތު ދިޔައީ ބޭނުން ނުހިފި ބޭކާރުވެގެން ނެވެ. ބީޖީއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ހަތްވަނަ މިނިޓުގައި އޮއްޕޮއަށް ވިކްޓަރީގެ އޭރިޔާގެ ބޭރުން ލިބުނު ބޯޅަ ސީދާ ގޯލުގެ މެދަށް ފޮނުވާލައިގެން އޮއްޕޮ އެވެ. އަދި މެޗުގައި އޮއްޕޮ ކާމިޔާބު ކުރި ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި އަޑުބަރޭ ނަގައިދިން ރީތި ހުރަހެއް ވިކްޓަރީގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިއަދުގެ މޮޅާއެކު ބީޖީއަށް ވަނީ ލީގު ތާވަލުގެ ފަސްވަނަ މަގާމު ލިބިފަ އެވެ. ތާވަލުގެ ފަހަތުން ދެވަނައިގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އޮތް އިރު ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ތާވަލުގެ ތިންވަނައިގައި އޮތް ވާދަވެރި ކުލަބު ވެލެންސިޔާ އެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00ގަ އެވެ.

މާދަމާގެ މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެލެންސިޔާގެ ކޯޗު ބޮއިކޯ ކަމެނޯފް ބުނެފައި ވަނީ ވެލެންސިޔާ ސީޒަންގައި ކުޅޭ އެންމެ ވާދަވެރި މެޗަކަށްވާނީ ނިއުރޭޑިއެންޓާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ. އެހެން ކަމުން އެޓީމު ކުޅޭނީ އެޓޭކިން ގޭމެއް ކަމަށް އެނާ ބުންޏެވެ. ހަމަ އެހެންމެ މެޗާ ބެހޭގޮތުން ނިއުގެ ކޯޗު ވެލީޒާ ޕޮޕޯފު ބުނެފައިވަނީ، ނިއުރޭޑިއެންޓުގެ މަގާމު ދިފާއުކުރުމަށް ވެލެންސިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މުހިއްމު މެޗެއް ކަމަށާއި އަދި އޭނާއަށް ނިއުގެ ކުޅުންތެރިންނާ ދޭތެރޭ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ޕޮޕޯފު ބުންޏެވެ.