ޑާކްރެއިން އެންޓަޓެއިންމަންޓްގެ ތްރީޑީ ފިލްމް "ފަތިސްހަނދުވެރުގެ ފެށުން" ގެ ޓިކެޓް އޮޕިމްޕަސްގައި ވިއްކަން ފަށައިފި އެވެ.

އޮލިމްޕަސް ސިނަމާ ޒަމާނީ ކުލަތަކާ އެކު އަލުން ހުޅުވި ފަހުން އެންމެ ފުރަތަމަ އޮލިމްޕަހުގެ ސްކްރީނަށް އަންނަ މި ފިލްމް އެޅުވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އެވެ. މި ފިލްމްގެ ފުރަތަމަ ތިން ޝޯގެ ޓިކެޓް މިއަދު އޮލިމްޕަހުގައި ވިއްކަން ފަށާފައިވާ އިރު އެ ފިލްމްގެ ޕްރިމިޔާ ނައިޓްގެ ޓިކެޓްގެ ޓިކެޓްގެ އަގަކީ 150ރ. އެވެ. އެއަށްފަހު ތްރީޑީ ޓިކެޓެއްގެ އަގަކީ 100 ރުފިިޔާ އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްގެ (އެންސީއޭ)ގެ ވެރިޔާ އަލީ ވަހީދު މިއަދު ވިދާޅުވީ ފަތިސްހަނދުވަރުގެ ފެށުން އޮލިމްޕަސްގެ ސިނަމާ އަށް އަންނަ އިރު އެތަނުގައި ގާއިމްކޮށްފައި ހުންނާނީ 2.1ގެ ސައުންޑް ސިސްޓަމެއް ކަމަށާއި ނަމަވެސް ފިލްމް އަޅުވާތާ ހަފްތާއެއްގެ ތެރޭގައި 5.1ގެ ސައުންޑް ސިސްޓަމްސްގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ. މިހާރު އަޅުވާފައިވާ ސައުން ސިސްޓަމަކީ ޕޮޕް ޖޯއީގެ ފަރާތުން ހަދިޔާކޮށްފައިވާ ސިސްޓަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސައުންޑް ސިސްޓަމްގެ މުޅި ސެޓްއަޕެއް ނުނިމޭ އަދިވެސް. ނަމަވެސް ފިލްމް އެޅުވޭލެއް ލަސްވާތީ ވަގުތީ ގޮތުން މިހާރު ވާނީ 2.1ގެ ސިސްޓަމެއް އަޅުވާފައި. ފިލްމް އަޅުވާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 5.1 ސިސްޓަމަށް ބަދަލުކޮށްލެވޭ ވަރުވާނެ ކަމަށް މިބަލީ،" އަލީ ވިދާޅުވި އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަކޮށްގެން އުފައްދާފައިވާ މި ފިލްމުގެ ފުރަތަމަ ތިން ޝޯ މިހާރު ވެސް ފުލްވެފައިވާ އިރު ފުރަތަމަ އިސްކަން ދޭނީ ފިލްމްގެ ޓިކެޓް ހޯދުމަށް ދުރާލާ ނަން ނޯޓް ކުރި ފަރާތްތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ނަން ނޯޓް ކުރި ފަރާތްތަކާ އެންމެ ފުރަތަމަ މި ގުޅަނީ. ނަން ނޯޓް ކުރި ފަރާތްތަކަށް ގުޅައިގެން ނުގުޅިއްޖެ ނަމަ އެ މީހެއްގެ ޓިކެޓް އެހެން މީހަކަށް މި ވިއްކާލާނީ. ނަން ނޯޓް ކުރި އެންމެން ނަކީ ފުރަތަމަ ޝޯ އިން ޖާގަ ލިބޭނެ ބައެއް ނޫން. ދެން ތަނުގެ ޖާގައަށް ބަލައިގެން ނަން ނޯޓް ކުރި ތަރުތީބުން ޖާގަ ދެވޭނީ. ޖާގަ ނުލިބޭ ފަރާތްތައް އޮޓޮމެޓިކުން މިބަލްކޮށްލަނީ ދެވަނަ ޝޯއަށް. ފުރަތަމަ ޝޯ އިން ޖާގަ ދީފިއްޔާ އިންނާނެ ކޮންފާމް މެސެޖެއް ފޮނުވާފައި އެމީހަކަށް،" މޮގާ ވިދާޅުވި އެވެ.

"ފަތިސްހަނދުވަރުގެ ފެށުން" އަކީ ބިންމާ އިބްރާޙިމް ވަހީދު ލިޔެފައިވާ ބިރު ވާހަކައެއް ކަމުގައިވާ "ޖިނާ" އަސްލަކަށް ބަލައިގެން އުފެއްދި ފަތިސްހަނދުވަރުގެ ޕްރީކުއެލް އެކެވެ. "ފަތިސްހަނދުވަރުގެ ފެށުން"މި ފިލްމަކީ ވެސް ބިންމާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.