23 Mar 2013, 16:00
ވޯލްޑްކަޕް ކޮލިފައިންގައި ވިލާތު ސަރަހައްދުގެ ގުރޫޕު ތަކުގެ މެޗުތަކުގެ ތެރެއިން ރޭ ތިނެއް އެކަކުން ޖޯޖިއާ ބަލިކޮށް ގްރޫޕް އައިގެ އެއްނަ އަށް ފްރާންސް ޖެހިލި އިރު އެ ގުރޫޕުގައި ފިންލޭންޑާ ވާދަކޮށް ސްޕެއިން އެކެއް އެކަކުން އެއްވަރުވެ ގްރޫޕް އެޗްގައި ސަންމަރީނޯ އާދެކޮޅަށް ކުޅެ އަށެއް ސުމަކުން އިންގުލެންޑު ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ވޯލްޑްކަޕް 2014 ޔޫރަޕްގެ ކޮލިފައިން ގްރޫޕް އައިގެ ފްރާންސް އާއި ޖޯޖިއާ ބައްދަލު ކުރި މެޗުގައި ފްރާންސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އޮލިވިއާ ގިރޫޑް، މެތިއު ވަލްބިއުނާ އަދި ފްރެންކް ރިބެރީ އެވެ. އެ މެޗުގައި ޖޯޖިއާ އަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ލަނޑު ޖަހައި ދިނީ އެލެކްސެންޑާ ކޮބަޚިޒް އެވެ. ރޭގެ މެޗުން މޮޅުވުމުން ހަތަރު މެޗު ކުޅެގެން 10 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައި ގައި މިހާރު އޮތީ ފްރާންސް އެވެ.
ސްޕެއިންގެ އަމިއްލަ ދަނޑުގައި ރޭ ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗު ހައިރާން ކުރުވަނިވި ގޮތަކަށް އެކެއް އެކަކުން އެއްވަރު ވުމުން އެޓީމު ވަނީ ގްރޫޕް އައި ގެ ދެވަނައަށް ވެއްޓިފަ އެވެ. ފިންލޭންޑުން މުޅި ޓީމު ފަހަތައް ޖެހިގެން ޑިފެންސް ކުރަމުން ދިޔަ މެޗުގައި ސްޕެއިންއަށް ލަނޑު ކާމިޔާބު ކޮށްދިނީ ސަޖިއޯ ރާމޯސް އެވެ. އެހެން ނަމަވެސް ފަހުހާފުގައި ކައުންޓާ އެޓޭކުގައި ލިބުނި ބޯޅައެއް ސްޕެއިންގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ފިންލޭންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 79 ވަނަ މިނިޓުގައި އެޓީމުގެ ތީމޫ ޕުއްކީ އެވެ. ރޭގެ މެޗުގެ ނަތީޖާއާ އެކު ސްޕެއިން އަށް ގުރޫޕުގެ އެއްވަނަ ގެއްލުނު އިރު އެ ގުރޫޕުގެ ފައިނަލް ނަތީޖާ ކަނޑައަޅާ މެޗުގައި ސްޕެއިން ބައްދަލު ކުރަން ޖެހޭނީ ގްރޫޕްގެ އެއްވަނައިގައި މިހާރު އޮތް ފްރާންސް ޓީމާ އެވެ.
ހުކުރުދުވަހުގެ ރޭ ސެން މަރީނޯ އާ ދެކޮޅަށް އިންގުލެންޑު ނެރުނު ނަތީޖާ އަކީ ވޭތުވެ ދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި އެ ޓީމު ހޯދި އެންމެ ބޮޑު ނަތީޖާ އެވެ. އެގޮތުން ސަން މަރީނޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަސޭހަ ކަމާއެކު އިންގުލެންޑުން ކާމިޔާބު ކޮށްފައި ވަނީ އަށް ލަނޑު ސުން ލަނޑުން ނެވެ. މެޗުގެ ފުރަތަމަ ލަނޑު ސަންމަރީނޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ އިރު އެ މެޗުގައި އިންގުލެންޑަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖާމިއަން ޑެފޫ ދެލަނޑު، އެލެކްސް އޮކްސްޑޭލް ޗެމްބަލިން އެއްލަނޑު، ފްރޭންކު ލަމްޕާޑު އެއްލަނޑު، ވޭން ރޫނީ އެއްލަނޑު، އޭޝްލީ ޔަންގު އެއްލަނޑު އަދި ޑެނީލް ސްޓަރިޖް އެއްލަނޑެވެ.
އިންގުލެނޑަށް ރޭގެ މެޗުން މޮޅުވެވުމުން ކުޅުނު ފަސްމެޗުން ލިބުނު 11 ޕޮއިންޓާ އެކު އެކުލަބު އޮތީ ގްރޫޕް އެޗުގެ ދެވަނައިގަ އެވެ. އަދި ފަސް މެޗު ކުޅެގެން 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ މޮންޓިނީގްރޯ އެވެ.
ވިލާތު ސަރަހައްދުގައި ރޭ ކުޅުނު ކޮލަފައިން ގްރޫޕުގެ އެހެން މެޗުތަކަށް ބަލާ އިރު، ސްވިޑްން އާއި އަޔަލެންޑް ބައްދަލު ކުރި މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ. ސްކޮޓްލެންޑާއި ވޭލްސް ބައްދަލު ކުރި މެޗު އެކެއް ދޭކުން ވޭލްސް މޮޅުވި އިރު، އިސްރާއީލާއި ޕޯޗްގަލް ބައްދަލު ކުރި ފޯރިގަދަ މެޗުވީ ތިނެއް ތިނަކުން އެއްވަރެވެ. އަދި ހައެއް ސުމަކުން މޯލްޓާ އަތުން ބަލްގޭރިޔާ މޮޅުވެފައިވާ އިރު ކުރޮއޭޝިޔާ ވަނީ ދޭއް ސުމަކުން ސާބިއާ ބަލިކޮށްފަ އެވެ. ސްލޮވީނިޔާ އާއި އައިސް ލޭންޑް ބައްދަލު ކުރި މެޗު އެކެއް ދޭކުން އައިސްލޭންޑް ކާމިޔާބު ކުރި އިރު، ޖަރުމަނު ވަނީ ތިނެއް ސުމަކުން ކަޒަކިސްތާނު ބަލިކޮށްފަ އެވެ. އަލްބޭނިޔާ އަތުން އެކެއް ސުމަކުން ނޯވޭ މޮޅުވެ، އެންޑޯރާ އަތުން ދޭއް ސުމަކުން ތުރުކީ މޮޅުވި އިރު ލީޓެންސްޓިން އާއި ލެޓްވިއާ ބައްދަލު ކުރި މެޗު އެކެއް އެކަކުން ދެޓީމު ވަނީ އެއްވަރު ވެފަ އެވެ.