23 Mar 2013, 15:57
ހަރަދު ކުޑަކުރުމުގެ ގޮތުން 149 އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފި އެވެ.
އެމެރިކާގެ އެފްއޭއޭ އިން ބުނީ މިބަދަލުގެ ސަބަބުން އެއާޕޯޓުތަކުގެ އުދުހުން ހުއްޓިގެން ނުދާނެ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލަރެއް ނެތުމުން، މަތިންދާބޯޓު އުދުއްސާލުމާއި ޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނީ ޕައިލެޓުންގެ މެދުގައި ރާވާލެވިގެން ކަމަށެވެ.
އެފްއޭއޭ އިން އެންމެ ފުރަތަމަ ގިނަ އަދަދެއްގެ ޓަވަރުތައް ބަންދުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފައި ވަނީ މިއަހަރުގެ ކުރީ ކޮޅުގަ އެވެ.
ބަންދުކުރަން ނިންމާފައިވާ ޓަވަރުތަކުގެ ވަގުތީ ލިސްޓެއް އާއްމުކުރުމުން އެމެރިކާގެ ގިނަ ރައްޔިތުންނެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައި ވަނީ، ކޮންޓްރޯލަރެއް ނެތި ބޯޓު ނައްޓާލުމާއި ޖެއްސުމުގައި ދިމާވެދާނެ ސަލާމަތީ މައްސަލަތަކުގެ ކަންބޮޑުވުމެވެ.
އެހެން ނަމަވެސް، އެފްއޭއޭ އިން ބުނީ ޕައިލެޓުންގެ މެދުގައި ރޭވިގެން ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކުރިއަށްދާނެ ޕްރޮސީޖާތައް މިހާރު ހުރިހާ ފަރާތްތަކަކަށް ސާފުކޮށްދީފައި ވާނެ ކަމަށާއި މިބަދަލުތަކުގެ ސަބަބުން ސަލާމަތީ މައްސަލަތަކެއް އުފެދިގެންދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ޓަވަރުތަކުގެ މަސައްކަތް ހުއްޓާލުމަށް އެފްއޭއޭ އިން ނިންމާފައިވާ 149 ޓަވަރަކީ އެމެރިކާގެ ނިސްބަތުން ކުދި އެއާޕޯޓުތަކުގެ ޓަވަރުތައް ކަމަށް މައުލޫމާތު ލިބެ އެވެ. މިގޮތުން ބަންދުކުރެވޭ ޓަވަރުތައް ހިމެނެނީ އަހަރެއްގެ ތެރޭގައި 150،000 ފުލައިޓަށް ވުރެ މަދުން އޮޕަރޭޝަންސްތައް ހިންގާ އެއާޕޯޓުތައް ކަމަށާއި މިފަދަ އެއާޕޯޓުތަކުގައި ކޮމާޝަލް އޮޕަރޭޝަންސްތައް ހިންގަނީ 10،000 ފުލައިޓަށް ވުރެ މަދުން ކަމަށް އެފްއޭއޭ އިން ބުނެ އެވެ.
މިބަދަލުތަކުގެ ދަށުން 47،000 މީހުންގެ ވަޒީފާ ގެއްލިގެންދާ އިރު، 637 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.