ޕާކިސްތާނުގައި ބާއްވަން ތައްޔާރުވަމުން އަންނަ އާއްމު އިންތިހާބުގައި ވާދަކުރެއްވުމަށް އެ ގައުމުގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ރިޓަޔާޑް ޕަރުވޭޒް މުޝައްރަފު މާދަމާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަން އިއުލާންކުރައްވައިފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ވެރިކަން 1999 ވަނަ އަހަރު ބަޣާވާތަކުން ވައްޓަވާލެއްވުމަށް ފަހު ނުވަ އަހަރުވަންދެން ވަރުގަދަ އަސްކަރީ ވެރިކަމެއް ކުރެއްވި މުޝައްރަފު ޕާކިސްތާނަށް އެނބުރި ވަޑައިގަންނެވުމުން މަރުހަބާ ކިޔަން ދިއުމަށް އެދި އޭނާގެ އޯލް ޕާކިސްތާން މުސްލިމް ލީގުން އިޝްތިހާރު ކުރަމުން ދާ ކަމަށް އިންޑިއާގެ އައިބީއެން ލައިވް އިން ބުންޏެވެ.

ހަމަނުޖެހުން ބޮޑު މުޒާހަރާތަކަކަށް ފަހު 2008 ވަނަ އަހަރު މަގާމުން ދުރުކުރުމުން އަމިއްލަފުޅަށް ސައުދީ އަރަބިއްޔާ އަށް އަރުވާލެއްވިގެން ހުންނެވި މުޝައްރަފު އެނބުރި ޕާކިސްތާނަށް ވަޑައިނުގަތުމަށް ސައުދީ ސަރުކާރުން ވަނީ ތަކުރާރުކޮށް އޭނާއަށް ލަފާ ދީފަ އެވެ. އެއީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މުޝައްރަފު އެނބުރި ވަޑައިގެންނެވުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޕާކިސްތާނުގެ ތިން ކޯޓަކުން ވަނީ އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް ކަފާލާތުގެ ދަށުން ލަސްކޮށްފަ އެވެ.

މުޝައްރަފާ ދެކޮޅަށް ގިނަ ދައުވާތަކެއް ޕާކިސްތާނުގެ ކޯޓްތަކުގައި އުފުލާފައިވާ އިރު ގައުމަށް އެނބުރިވަޑައިގެންނެވުމާ ބެހޭ ގޮތުން އެންމެ ފަހުން ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ ޝަރީއަތާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ދެމިގެންވާ ކުރިމަތިލުމަކަށް ދާން އަހަރެން މިހިރީ ތައްޔާރަށް، އެކަމަކު އެނބުރި ގޮސް ޕާކިސްތާނުގެ ސިޔާސީ މަޝްރަހުގައި އަހަރެން އަދާކުރަން ޖެހޭ ދައުރު އަދާކުރުމުގެ ވަގުތު މިވަނީ ޖެހިފައި. ސެކިއުރިޓީ އަކީ އަހަރެން ކަންބޮޑުވާ ކަމެއް ނޫން، ސެކިއުރިޓީ ހޯދަން އެދިފައެއް ވެސް ނުވާނެ. އެނބުރި ދިއުމުން އަހަރެންގެ އަމިއްލަ ސެކިއުރިޓީ އަހަންނަށް އޮންނާނެ،" ޕާކިސްތާނުގެ ވަގުތު ޓީވީއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މުޝައްރަފު ވިދާޅުވެފައިވެ އެވެ.