23 Mar 2013, 15:10
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުން ވަކިކުރި އިސްމާއީލް ހަބީބު ސިވިލް ކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ސިވިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާ އަށް އެ މަގާމު ލިބިވަޑައިގަތީ އެ ކޯޓުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް އޭނާ އަށް ލިބުމުން ކަމަށެވެ. އެ މަގާމަށް އޭނާ ހަމަޖައްސާފައި ވަނީ މި މަހުގެ މެދުތެރޭގައި ކަމަށް ވެސް ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އިސްމާއީލް ހަބީބު އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުން ވަކި ކުރީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކުގެ ތަހުގީގު ނިންމައި އޭސީސީން ބުނެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިވާ ކަން ތަހުގީގަށް ސާބިތު ނުވާ ކަމަށެވެ.